ޓޫރިސްޓުން ގޮވައިގެން މަހަށް ނުކުމެ އުޅެނިކޮށް މިޔަރުގެހަމަލާގައިއަތް ޒަހަމްވި ނިކަ އައިލެންޑް ރިސޯޓުގެ ފަޅުވެރިއާ އިއްޒަތު ހަސަންގެ އޮޕަރޭޝަން ކާމިޔާބުކަމަށް އޭނާ ބުނެފި އެވެ.

އިއްޒަތު މިއަދު ސަން އަށް ބުނީ ލަންކާ އިން އޭނާ އޮޕަރޭޝަންކޮށް ޕްލާސްޓިކް ސާޖަރީ ހަދާފައިވާ އިރު މިހާރު އަތް އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އަތް ހަރަކާތްކުރުމަށް އެއްވެސް ދަތްޗަކާ ކުރިމައްޗެއްނުވެ އެވެ.

މިޔަރެއް ދަތް އެޅުމުން ޒަޚަމްވި މީހާ -- ސަން ފޮޓޯ: ކިޔުންތެރިއެއް

"ފައިން މަސް ނަގާފައި އަތަށް ލެއްވީ، މިހާރުު ރަނގަޅު، ފަސޭހަ ވަމުން އަންނަނީ،" އިއްޒަތު ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ އިއްޒަތު ބުނީ ކުރިއެކޭ އެއްގޮތަށް އަތް ބަދަލުވާން އަދި ތިން މަސްވަރު ވާނެ ކަމަށެވެ. މިދުވަސްވަރު އެ އަތުން ބުރަ މަސައްކަތެއް ނުކުރަން އަންގާފައިވާ ކަމަށް އިއްޒަތު ބުންޏެވެ.

މިދިޔަ މަހު 27 ވަނަ ދުވަހު ހިނގި އެ ހާދިސާގައި އިއްޒަތުގެ އަތް ޒަހަމްވުމުން އައިޖީއެމްއެޗް އިން ވަނީ އޮޕަރޭޝަންކޮށް މިޔަރު ދަތް އެޅުމުން ޒަހަމްވި ތަންތަން ފަހައިފަ އެވެ. ފެހުމުން ވެސް އަތުގައި އެއް ހިސާބަށް މަސް ކޮޅެއް މަދުވި އެވެ.