16 Apr 2017, 10:25
ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ތައްޔިބު ޝަހީމް ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ތައްޔިބު ބަންދުން ދޫކޮށްލުމަށް ހައި ކޯޓުން އަމުރުކޮށްފައި ވަނީ ޝަރުތުތަކަކާ އެކުގަ އެވެ. ނަމަވެސް އެ ޝަރުތުތަކާ ބެހޭ މައުލޫމާތެއް އަދި ނުލިބެ އެވެ.
ތައްޔިބުގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާ އިރު، އިސްތިއުނާފަށް ހުށަހަޅާފައި ވަނީ ދެ ވަނަ ފަހަރަށް ބަންދު އިތުރު ކުރި ކުރުމެވެ.
ތައްޔިބު ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.
ތައްޔިބު ހައްޔަރުކޮށްފައި ވަނީ، ރާއްޖޭގައި ފެތުރެމުން ދިޔަ އެޗްވަންއެންވަން އާއި އެހެނިހެން ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މިޑިއާގައި ވާހަކަ ފަތުރަމުންދާ ކަމުގެ ތުހުމަތުގަ އެވެ.
ތޮއްޔިބު ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ، ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އާލް ސައުދު ރާއްޖެއަށް ކުރައްވަން އުޅުއްވި ދަތުރުފުޅާ ގުޅޭ ގޮތުން ބައެއް ޓުވީޓުތައްކޮށްފަ އެވެ. އެގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭގެ ދެމީހެއްގެ ބެލުމުގެ ދަށުން އާރަށުގެ ވީވީއައިޕީ ބަންގަލޯއަށް ސައުދީ ހެލިކޮޕްޓަރުން 12 ކަޅުފޮށި އަދި އެއް ސިލްވާ ފޮށި ވެއްދިކަމަށް ބުނެ ޓުވީޓު ކުރި އެވެ.
ނަމަވެސް އެމްއެމްއޭ އިން އެކަން ވަނީ ދޮގުކޮށްފަ އެވެ.