ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'ޕަދްމާވަތީ'ގެ ބަތަލާ ދީޕިކާ ޕަދުކޯންގެ ކަރަށް ލިބުނު އަނިޔާ އަކާ ގުޅިގެން އޭނާ އަށް ފިލްމުގެ މަސައްކަތާ ދުރަށް ދާން ޖެހިއްޖެ އެވެ.

ޚަބަރުތައް ބުނާގޮތުން، ދީޕިކާގެ ކަރުގައި އަދި ބުރަކަށީގައި ރިއްސަން ފެށީ ފިލްމުގައި އޭނާ ލާން ޖެހޭ ހެދުންތަކާއި ބޭނުން ކުރަން ޖެހޭ ޖަވާހިރުތައް ބަރު ކަމުންނެވެ.

ދީޕިކާގެ ޑޮކްޓަރު ވަނީ ދީޕިކާގެ ކަރަށް އަނިޔާވެފައިވާ ކަމަށާއި، އެހެން ކަމުން ކުޑަ ދުވަސްކޮޅަކަށް މަސައްކަތާ ދުރުވެ އަރާމު ކުރުން މުހިންމު ކަމަށް ބުނެ ދީޕިކާ އަށް އިރުޝާފދު ދީފައެވެ. ދީޕިކާގެ ތަރުޖަމާނު ވެސް ބުނީ ދީޕިކާ މިވަގުތު ޝޫޓިން އާ ދުރުވެ އަރާމު ކުރަމުން އަންނަ ކަމަށާއި، ވީހާވެސް އަވަހަކަށް އަލުން ޝޫޓިން އާ ގުޅޭނެ ކަމަށް ބުނެފައެވެ.

ދީޕިކާއަށް އަނިޔާވުމުގެ ސަބަބުން ފިލްމުގެ ޝޫޓިން އަށް ބުރޫ އަރާފައި ވާއިރު، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޖެއިޕޫރުގައި ހުރި ޕަދްމާވަތީގެ ސެޓަކަށް ގެއްލުންދީ، ބައެއް ސާމާނު ވަނީ ހަލާކު ކޮށްލުމުގެ އިތުރުން ޑައިރެކްޓަރު ބަންސާލީ އަށް ވެސް ވަނީ ހަމަލާ ދީފައެވެ. އެ ހަމަލާއަށް ފަހު ފިލްމުގެ ޝޫޓިން ވެސް ވަނީ މެދު ކަނޑާލައިފައެވެ.

އަނެއްކާ މިދިޔަ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން އަލުން ފެށި ފަހުން ކޯލާޕޫރު ޑިސްޓްރިކްޓުގައި ހުރި އެ ފިލްމުގެ ސެޓެއްގައި ވަނީ އަލިފާން ރޯކޮށްލައިފައެވެ. އެ ހާދިސާގައި ސެޓު އެކީ އަނދާ ހުލިވެފައި ވާއިރު، 50 އެކްޓަރުންގެ ކޮސްޓިއުމްތައް ވެސް ވަނީ އަނދައިފައެވެ. އެއާއެކު ފިލްމުގެ ޝޫޓިންއަށް ބުރޫ އަރައި، ފިލްމު ނިންމަން އޮތް ތާރީޚަށް ފިލްމު ނުނިންމޭނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނަން ފަށައިފައެވެ.

ނަމަވެސް ބަންސާލީ ޕްރޮޑަކްޝަންސް އިން ވަނީ ފިލްމުގެ ޝޫޓިން ހުއްޓާނުލާ ކަމަށާއި، ފިލްމު ރިލީޒް ކުރަން އޮތް ތާރީޚުގައި ރިލީޒް ކުރެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

އެ ފިލްމު ރިލީޒް ކުރަން ކަނޑައަޅާފައިވާ ތާރީޚަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. ޕަދްމާވަތީގައި ޕަދްމާވަތީގެ ރޯލުން ފެނިގެން ދާނީ ދީޕިކާ އެވެ. ޕަދްމާވަތީގެ ފިރިމީހާ ރާޖާ ރަވާލް ރަތަން ސިންގްގެ ރޯލުން ފެނިގެން ދާނީ ޝާހިދު އެވެ. އަދި ރަންވީރު ސިންގ އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.