16 Apr 2017, 08:43
ފިލްމުތައް ފްލޮޕް ވުމުން، ފާޚާނާ ތަޅުލައިގެން އިނދެ ރޯ ކަމަށް ބޮލީވުޑުގެ ރަސްގެފާނު ޝާހު ރުކް ޚާން ބުނެފި އެވެ.
ޝާހުއަކީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ބޮލީވުޑުގައި ހުރި އެންމެ ކާމިޔާބު އަދި އެންމެ ގިނަ ބަޔަކު ލޯބިވާ އެކްޓަރެވެ. ބޮލީވުޑުގެ ރަސްގެފާނުގެ އިތުރުން އިތުރުން ޝާހުއަކީ 'ރޮމޭންސް'ގެ ރަސްގެފާނު ކަމަށް ވެސް ގަބޫލު ކުރެ އެވެ.
މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ސެން ފްރަންސިސްކޯ އިންޓްނޭޝަނަލް ފިލްމު ފެސްޓިވަލްގައި ވެސް ވަނީ ޝާހު ފިލްމީ ދާއިރާގައި ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމަށް އޭނާ އަށް ޓްރިބިއުޓެއް ދީފައެވެ. އެ ފެސްޓިވަލުގެ ތެރެއިން، އެމެރިކާގެ ފިލްމު ޑައިރެކްޓަރު ބްރެޓް ރެޓްނަރ އާއެކު ކުރިއަށް ދިޔަ އިންޓަވިއު އެއްގައި ޝާހު ވަނީ ފިލްމީ ދާއިރާގައި އޭނާ ދެކެފައިވާ ކާމިޔާބީ ތަކާއި ނާކާމިޔާބީ ތަކަ ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ.
ޝާހު ބުނީ ކެރިއަރުގައި ނާކާމިޔާބީ ތަކާ ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ބޮކްސްއޮފީހުގައި އޭނާގެ ފިލްމެއް ފްލޮޕް ވެއްޖެ ނަމަ ފާހަނަ ތަޅުލައިގެން އިނދެ ރުއިމަކީ އޭނާ ކުރާ ކަމެއް ކަމަށެވެ.
ޝާހު ބުނީ ކާމިޔާބާއި ނާކާމިޔާބީ ވެސް ދެމިގެންދާނީ ކުޑަ ހިނދު ކޮޅަކަށް ކަމަށާއި، އެހެންކަމުން ނާކާމިޔާބީގައި ރުއިމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
ފަހަކަށް އައިސް ބޮކްސް އޮފީހުގައި ޝާހު އަށް މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް ނާކާމިޔާބީގެ ވަގުތު އަންނާނެ ކަމަށާއި، ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ އެކަން ބަދަލު ކުރެވޭނެ ކަމަށް ވެސް ޝާހު ގަބޫލު ކުރެ އެވެ.