ކްލަބް މޯލްޑިވްސްގައި މޯލްޑިވް ގޭސް ބަލިކޮށް ބީއެމްއެލް އިން ގަދަ 16ގެ އުންމީދު އާކުރިއިރު މޯލްޑިވިއަންއިން ތައުލީމީ ގުޅުން ބަލިކޮށްފި އެވެ.

މޯލްޑިވް ގޭސް އިން އެ މުބާރާތުގައި ދެ މެޗު ކުޅެފައިވާއިރު އެޓީމުވަނީ މީގެކުރިން އެއް މެޗުން މޮޅުވެފަ އެވެ. އަދި ބީއެމްއެލްއިން ވަނީ އެ ޓީމުން ކުޅުނު ދެ މެޗުންވެސް މޮޅުވެފަ އެވެ.

ހޮނިހިއު ދުވަހު ހަވީރު ކުޅުނު މިމެޗުގައި ބީއެމްއެލްއިން ލީޑު ނެގީ މެޗުގެ އަށްވަނަ މިނިޓްގަ އެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް އެވެ. އޭނާ ވަނީ މި މެޗުގައި ބީއެމްއެލްއަށް އިތުރު ލަނޑެއްވެސް ޖަހައިދީފަ އެވެ.

ބީއެމްއެލްގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މިމެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އިބްރާހިމް އަސްވާދު އަދި އިބްރާހިމް ހަމްދާނެވެ.

އެ ދެޓީމު ގުރޫޕް އޭގައި ހިމެނޭއިރު ގްރޫޕްގެ އެއްވަނަ ލިބެނީ ބީއެމްއެލްއަށެވެ. މޯލްޑިވް ގޭސްއަށް ލިބެނީ ގުރޫޕްގެ ތިންވަނަ އެވެ.

މޯލްޑިވިއަން އިން ތައުލީމީގުޅުން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މޯލްޑިވިއަންއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާއިލް އަހްމަދު އަދި އަބްދުﷲ ވިޝާމެވެ.

އެ ނަތީޖާއާ އެކު މޯލްޑިވިއަން އޮތީ ލިބުނު ހަތަރު ޕޮއިންޓާ އެކު ގުރޫޕްގެ ދެވަނަ މަގާމުގަ އެވެ. އަދި ތައުލީމީ ގުޅުން އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ އެންމެ ފުލުގަ އެވެ.