މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ ހަޔަކާ އެކު ހުކުރު ދުވަހުގެ ރޭ ބޭއްވި ޝޯގައި ބައިވެރިންނަށް ޖަޖުންގެ ފަރާތުން ނެގެޓިވް ކޮމެންޓަތަކެއް ލިބެމުން ގޮސް ޝޯގެ ނިމުމަކާ ހަމައިން ފެނުނީ މީގެ ކުރިން ފެނިފައި ނުވާ މަންޒަރެކެވެ. ހުރިހާ ބައިވެރިންގެ ހުށަހެޅުންތަކަށް އޯވަރޯލްކޮށް ވާހަކަ ދައްކަން ޖަޖުންނަށް ފުރުސަތު ދިނުމުން ޝޯގެ ފަނޑިޔާރު މަރިޔަމް ، ފަނޑިޔާރު އިސްމާއިލް އައްފާން ޝޯ ދޫކޮށް ދިޔައީއެވެ.

އެއާ އެކު ގިނަ ބަޔަކު ތިބީ ހައިރާންވެފައެވެ. ކުރަމުން ދިޔަ ސުވާލަކީ، އައްފާން އެއްކޮށް ޝޯ ދޫކޮއްލީ ބާވައޭއެވެ. މިރޭގެ ޝޯއަށް ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ.

އައިޑޮލްގެ ގަދަ ފަހެއް ހޮވުމަށް ބޭއްވި ޝޯގައި އައްފާން ގެ ގޮނޑީގައި އިނީ އައްމަޑޭ---

އައްފާން ޝޯ ދޫކޮށް ދިޔައީ ވަރަށް ރުޅި އައިސްގެންނެވެ. ޖަޖުންގެ ޕެނަލްގައި ތިބި އަނެއް ދެ ޖަޖުންނާ ވަރަށް ބޮޑު ދެބަސްވުމަކަށް ވެސް ދިޔައެވެ. ޕީއެސްއެމްގެ އިސްވެރިންނާ ވެސް އޭނާ ބައްދަލު ކުރިއެވެ.

ކޮންމެއަކަސް މިރޭގެ ޝޯ ފެށުނު އިރު އައްފާންގެ ގޮނޑި ހުރީ ފަޅަށެވެ. އެ ފަޅުކަން ފިލައިގެން ދިޔައީ، އައިޑަލްގެ ޖަޖުންގެ މިދިޔަ އަހަރުގެ ޕެނަލްގައި ހިމެނުނު އަހްމަދު އިބްރާހީމް (އައްމަޑޭ) އައުމުންނެވެ. ޖަޖުންނާއި ބައިވެރިން އަދި ބެލުންތެރިންނަށްވެސް ލިބުނީ ސަޕްރައިޒެކެވެ.

ކުރިންރޭ އައިޑޮލްގެ ޝޯ ދޫކޮށް ދިޔަ ފަހުން މިރޭގެ ޝޯ ފެށުނު އިރުވެސް އައްފާންގެ ހަބަރެއް ނުވެއެވެ. އަދިވެސް "ރުޅިގަނޑު" ގައި ހުރީ ބާވައޭ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

އައްފާން ރޭގެ ޝޯ ދޫކޮށް ދިޔުމުން ގިނަ ބަޔަކު ތިބީ ހައިރާންވެފައި----

މިރޭގެ ޝޯއިން އައްފާން ފެންނާނެތޯ، ޝޯ ފެށުމުގެ ކުރިން "ސަން"އިން ސުވާލު ކުރުމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އައިމިނަތު ޝާޔަން ޝާހިދު އެކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ. ނަމަވެސް ހުކުރު ދުވަހުގެ ރޭގެ ޝޯގައި ހިނގައިދިޔަ ކަންތަކާ ގުޅިގެން އައްފާންގެ ކަންބޮޑުވުންތައް ޕީއެސްއެމްއާ ހިއްސާކުރި ކަމަށާއި، ޕީއެސްއެމްއިން އައްފާންއާ އެކަމުގައި ވާހަކަ ދައްކަމުންދާ ކަމަށް ޝާޔަން ވިދާޅުވިއެވެ.

ނަމަވެސް މި ބޮޑު ރިއަލިޓީ ޝޯއަށް ޖަޖުންގެ ގޮތުގައި މީހުން ނަގާފައި ހުރީ ވަރަށް ވަރުގަދަ އެގްރިމެންޓް ތަކެއްގައި ސޮއިކުރުމަށް ފަހުގައި ކަމަށް ވާ އިރު، އައްފާން ކުރިޔަށް އޮތް ތަނުގައި ނުފެނުމަކީ ނާދިރު ކަމެކެވެ.

އާންމުކޮށް އެލިމިނޭޝަން ނައިޓުތަކުގައި ޝޯއަށް ގެސްޓު ޖަޖުން ގެންނަ އިރު، އައްމަޑޭއަކީ ހަގީގަތުގައި މިރޭގެ ގެސްޓު ޖަޖަށް ވުމުގެ ފުރުސަތުވެސް ބޮޑެވެ. ނަމަވެސް އައްފާން ނެތުމުން، އޭނާއަށް އައްފާންގެ ގޮނޑި މިރެއަށް ދިނީ ކަމަށް ވެސް ވެދާނެއެވެ. ހަގީގަތް އެނގޭނީ އަންފާނާއި، މޯލްޑިވިއަން އައިޑޮލްގެ ޓީމަށެވެ.