މިހާރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގައި އެމްއޭސީއެލްއިން ހެލްތް ރެކްރިއޭޝަން ކްލަބް އަތުން ބޮޑު ތަފާތަކުން މޮޅުވިއިރު ވާދަވެރި މެޗަކަށްފަހު ސިފައިންގެ ކުލަބުން ޕްރިޒަންސް މައްޗަށް ކުރި ހޯދައިފިއެވެ.

މިއަދު ހަވީރު މާފަންނު ދަނޑުގައި ކުޅުނު މެޗުން އެމްއޭސީއެލް މޮޅުވީ 6-1ގެ ނަތީޖާއަކުންނެވެ.

މީގެ ކުރިން މުބާރާތުގެ ފުރަތަމަ މެޗުގައި ބީއެމްއެލް އަތުން ބަލިވި އެމްއޭސީއެލްއިން މި މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދައި ޕޮއިންޓް ތާވަލްގެ ކުރީގައި ހަމަޖެހިލުމަށެވެ. މެޗު ފަށައިގެން އެމްއޭސީއެލްއިން އެޓީމުގެ ފުރަތަމަ ގޯލް ޖެހީ ފަސް ވަނަ މިނިޓްގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޒިޔާން (ޔަންކޭ)އެވެ. އޭނާ ވަނީ މި މެޗުގައި ހެޓްރިކް ހަދައިފައެވެ.

އެމްއޭސީއެލްއިން ކާމިޔާބުކުރި އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ނާސިހް (ކުޑޫ)އެވެ. އަދި އިބްރާހިމް ޝަނޫންވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. ހެލްތް ރެކްރިއޭޝަން ކްލަބުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހީ އިސްމާއިލް ފަރުހާދެވެ.

މި ނަތީޖާއާއެކު ހެލްތް ރެކްރިއޭޝަން ކުލަބް ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.

ޕްރިޒަންސް ރެކްރިއޭޝަން ކުލަބާއި ސިފައިންގެ ކުލަބު ބައްދަލުކުރި މެޗުން ސިފައިންގެ ކުލަބް ކުރި ހޯދީ އެއް ލަނޑުގެ ތަފާތުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސިފައިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ހުސެއިނެވެ.

މި ނަތީޖާއާއެކު ޕްރިޒަންސް ރެކްރިއޭޝަން ކުލަބްވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވެފައެވެ. އަދި ސިފައިންވަނީ ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވެފައެވެ.