16 Apr 2017, 08:52
ކުޅަދާނަ ޑައިރެކްޓަރު އަބްދުލް ފައްތާހު އާއި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، "ރެކޯޑް ބްރޭކިން މޫވީ"ގެ ގޮތުގައި ޕްރޮމޯޓް ކުރާ ފިލްމު "ހައްދު"ގެ ރ. ވާދޫގެ ޝޫޓިން ނިންމުމަށް ފަހު ބައެއް ތަރިން މާލެ އަތުވެއްޖެ އެވެ.
މަހުދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް އޯކޭޒް އިންކްގެ ފަރާތުން އުފައްދާ "ހައްދު"ގެ ކުރޫ ވާދުއަށް ގޮސްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.
ފިލްމުގެ ބޮޑު ބައެއް ވާދޫގައި ޝޫޓް ކުރަމުން ދާއިރު ޝޫޓިން ނިންމުމަށް ފަހު މާލެ އައިސްފައި ވަނީ ފައުޒިއްޔާ ހަސަން، މަރިޔަމް ހަލީމް، އަދި ނަޖާހު އެވެ.

"ހައްދު" ގެ ވާދޫ ޝޫޓިން ނިންމައި ބައެއް ތަރިން ފުރަނިކޮށް--
ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ މަރިޔަމް އައްޒަ އާއި އަހްމަދު ޝިބާން އަދި މުހިއްމު ރޯލަކުން ފެނިގެންދާނެ އަލީ އާޒިމް (ދޮން އައްޔަ) އަދިވެސް ވާދޫގައި ދަނީ ފިލްމުގެ މަންޒަރުތައް ޝޫޓް ކުރަމުންނެވެ.
ރ. ވާދޫގައި ހުރެ، ފޯނުން ވާހަކަދައްކަމުން ފައްތާހު ބުނީ، ވާދޫގައި ފިލްމުގެ ބޮޑު ބައެއް މިހާރުވެސް ނަގާފައިވާނެ ކަމަށެވެ.
"މިހާރު ގިނަ މަންޒަރުތައް ނަގައި ނިމެނީ. ވަރަށް ބެސްޓް ޝޫޓިން ދާ ގޮތް. މި އަތޮޅު އެހެން ރަށެއްގެ މަންޒަރުތައްވެސް ފެންނާނެ ފިލްމުން. ވާދޫ ޝޫޓިން ނިމުނީމަ ފިލްމުގެ 60 ޕަސެންޓް ޝޫޓް ކޮށް ނިމުނީ،" ފައްތާހު ބުންޏެވެ.
ވާދޫގެ އިތުރުން "ހައްދު"ގައި ހއ. އުތީމު އަދި ކެލާގެ މަންޒަރުތައް ވެސް ފެންނާނެއެވެ. އެ ދެރަށުގެ މަންޒަރުތައް ނަގައި ނިމިފައިވާއިރު ދެން އޮތީ މާލެއާއި ރިސޯޓް އަދި ސަފާރީގައި ނަގަންޖެހޭ މަންޒަރުތަކެވެ.

"ހައްދު" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ފައުޒިއްޔާއާ އެކު ފައްތާހާއި ނިއުމާ---
އިބްރާހީމް ވިސާން (ކަނޑި)ގެ ސިނަމަޓޮގްރަފީ ފެނިގެންދާ "ހައްދު" އިން ކުޅަދާނަ ބަތަލާ އައިމިނަތު ރިޝްފާ ވެސް މުހިއްމު ރޯލަކުން ފެންނާނެއެވެ. މީގެ އިތުރުން މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު (ދަރާ) އަދި އާރިފާ އިބްރާހީމް، އަދި އަލީ ފާރޫގް ފަދަ ތަޖުރިބާކާރު ތަރިންގެ އެކްޓިން ފެންނާނެއެވެ.
"ހައްދު"ގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރީންނާ ހަމައަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.