އައްޑޫން ކަންނެލި މަސްވެރި ކަމަށް ނުކުމެ ހަބަރެއް ނުވި "ސަން ފިޝް" ދޯންޏާ ގުޅި، ދޯނި ފެނިފައިވާ ކަމަށް ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުން ބުނެފި އެވެ.

ކަންނެއްޔަށް ނުކުތް ގޮތަށް ސަން ފިޝްގެ ހަބަރެއް ނުވީ މިދިޔަ ހޯމަ ދުވަހުން ފެށިގެނެވެ.

ކޯސްޓްގާޑުން ބުނީ ސަން ފިޝް” ދޯނި ހޯދަމުން ދަނިކޮށް މިއަދު ހަވީރު ގުޅިފައިވާ ކަމަށާއި އެ ދޯނި އޮތީ ތ. ވޭމަންޑޫގެ 19 މޭލު ބޭރުގައި ކަމަށެވެ. ދޯނީގެ ހަބަރެއް މިހާތަނަށް ނުލިބި ދިޔައީ ތިނަދޫން ފުރައިގެން 80 މޭލު ބޭރަށް ނުކުތުމުން ފޯނަށް ރޭންޖު ނުލިބިގެންކަން ކަމަށް ސަން ފިޝްގެ ކެޕްޓަނާ ހަވާލާދީ ސިފައިން ބުންޏެވެ.

ސިފައިން ބުނީ 12 މީހުންނާއެކު ނުކުމެ އުޅުނު 70 ފޫޓުގެ ދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި ދޯނި ދަތުރު ކުރަމުންދަނީ ތ. ވޭމަންޑޫއަށް ކަމަށެވެ.