16 Apr 2017, 09:12
މަސައްކަތްތެރީން ތިބެނީ މާޔޫސްވެ ބުރަކި ޖެހިފަ އެވެ. ރަހުމެއްނެތް ދިވެހީން ގިނަވެއްޖެ އެވެ. އެއް ބަޔަކު ޖިންސީ އެދުންތަކުގައި ބަނދެވިފަ އެވެ. ދެން ތިބި ބަޔަކު މާޔޫސީ ދިރިއުޅުމެއްގަ އެވެ. ބައެއް ދިރިއުޅުންތައް ވިއްސިވިހާލިވާއިރު އެއްބަޔަކު އަމިއްލައަށް މަރުވުން ފަދަ ބޮޑެތި ފާފަތަކަށް އަރައިގަންނަނީ އެވެ. މުޖުތަމައު މިހާހިސާބަށް ދިޔައިރު މިއީ ތަފާތު ސަބަބުތަކުގެ ނަސަބުން މީހުންނަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލަތަކެވެ.
މަސައްކަތްތެރިން ބުރެކިޖެހިފައި
ރަނގަޅަށް މަސައްކަތް ކުރަމުންދިޔަ މީހާ ކުއްލިއަކަށް ބްރަކިޖެހެނީ އޭގައި ގިނަ ސަބަބުތަކެއް އެކުލެވޭތީ އެވެ. ބޯގޮވައި މާޔޫސްވެ، ހަށިގަނޑުގެ ކޮންމެވެސް ނާޒުކު ގުނަވަނަކަށް ނުރައްކާ ތަދެއް އަރާހެން ހީވެ އެވެ. އެއާ އެކު މުޅި މީހާ ފިނިވެ އެވެ. ބިރުން ތެޅިފޮޅިގަނެވެ އެވެ. ހޮސްޕިޓަލާ ހިސާބަށް ނުގޮސް ހައްލުވަނީ މަދުފަހަރެއްގަ އެވެ. މުޅި މީހާ ހުންނަނީ މާޔޫސީކަމެއްގެ ތެރޭގަ އެވެ. މިއީ އިންތިހާއަށް މަސައްކަތަށް ލޯބިކުރާ އެތައް ބައެއްގެ ހާލެވެ.

ނަފްސާނީ އިލްމުވެރީން އެކަމަށް މިކިޔަނީ "ވޯކިން ސްޓްރެސް" އެވެ. ނަތީޖާއަކީ އެންޒައިޓީ ފަދަ އެތައް ކަމަކާ ކުރިމަތިލާންޖެހުމެވެ. އެންޒައިޓީގެ ސަބަބުން މީހާ އާދަޔާ ހިލާފަށް ބިރުގަނެ، އަވަސް އަވަހަށް މޭތެޅުމާއި ދާހިއްލުމުގެ އިތުރުން ނޭވާލާން އުނދަގޫވުމަކީ އެބަލީގެ ސަބަބުން ދިމާވާ ކަންކަމެވެ. ހަނދާންބަލިވުމާއި ރުޅިގަދަވުމަކީ ވެސް އެބަލީގެ ސަބަބުން ދިމާވާ ކަންކަމެވެ.
ސްރީލަންކާގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ދިމުތު ޕަސްކުއަލް ވިދާޅުވާ ގޮތުގައި ވަޒީފާ މާހައުލުގައި ދިމާވާ ދަތިތަކާއި މައްސަލަތައް ތިމާގެ ވެރީންނަށް އަންގައި ބުނެދިނުމަކީ ސްޓްރެސް ދަށް ކުރެވޭނެ ކަންކަމެވެ.
ތިމާކުރާ ހަމައެކަނި ކަމަކީ މަސައްކަތްކަމަށް ނުހެދުމާއި އިތުރު ކަންކަމަށް ވަގުތު ދިނުމާއި ކަސްރަތު ފަދަ ކަންކަމުގައި ވަގުތު ހޭދަކުރުމަށް ދިމުތު ލަފާދެއްވަ އެވެ. ހަމައެއާ އެކު ގަޑިންގަޑިއަށް ކެއުމަކީ ވެސް އެފަދަ ބަލިތަކުން ސަލާމަތްވުމަށް އެޅިދާނެ ވިޔަވަލުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަހުމުކުޑަ އިންސާނުން!
ޅައުމުރުގެ ކުދީން މަގުމަތީގެ އެކި ތަންތަނުގައާއި ކަން ކަން މައްޗަށް ގިނަވެ ކުށްކުރުން އިތުރުވާ ވާހަކަ ދައްކާއިރު އޭގެ ތެރެއިން ގިނަ ކުދިންނަކީ ސްކޫލު ދައުރުގައި ނުވަތަ ކޮންމެވެސް އެހެން މާހައުލެއްގައި ހަނގާކުރުމުގެ ޝިކާރައަކަށްވެފައިވާ ކުދިންކަށް ގަބޫލްކުރަން ޖެހެ އެވެ. ހަނގާކުރުމުގެ ސަބަބުން އެކުދީން ނަފްސާނީ ބަލިތަކެއްގެ ތެރެއަށް ގަރަގުވެ އެވެ.
ނަފްސާނީ އިލްމުވެރީންގެ ދިރާސާތަކަށް ބަލާއިރު، ހަނގާކުރުމުގެ ސަބަބުން އެންމެ ގިނައިން ދިމާވާ ނަފްސާނީ ބައްޔަކީ ޕެރަނޮއިޑް އެވެ. ޕެރަނޮއިޑް އަކީ ދިގުދެމިގެންވާ ގޮތެއްގައި ޝައްކު ކުރުމާއި އާއްމުކޮށް އެންމެނަށް ޝައްކު ކުރުން އެކަމުގައި އެކުލެވޭ ނަފުސާނީ މައްސަލައެކެވެ.
އެމައްސަލަ ހުންނަ މީހުންނަކީ މާބޮޑަށް އަސަރުކުރާ ( ހައިޕާ ސެންސިޓީވް) އެހެންމީހުންގެ ފަރާތުން ގޯސްކޮށް ކަންތައްތައްވާ ކަމަށް ފަސޭހައިން ގަބޫލުކުރެވޭ ބައެކެވެ. އެމީހުން ގަބޫލުކުރާނީ އެމީހުން އަބަދުވެސް ވަނީ ނުރައްކަލުގެ ތެރޭގައި ކަމަށެވެ. އަދި އެމީހުންނަށް ނުރައްކަލެއް ނެތްކަމުގެ މައްޗަށް ބާރުދޭ ހެކިތައް އެމީހުން ގަބޫލެއް ނުކުރާނެ އެވެ. ނަތީޖާއަކީ ކުށްކޮށްގެން އުފާވެރިކަން ހޯދައިގަތުމެވެ.

ޖިންސީ އެދުމަށް ގޮތެއް ފޮތެއްނެތް!
ދެން އޮތީ ޖިންސީ ބަލިމަޑުކަމެއްގެ ވާހަކަ އެވެ. ނުހައްގު ޖިންސީ ގުޅުންތައް އިންތިހާއަށް އިތުރު ވާހަކަ އެވެ. އާންމު ތަންތަނުގައި ޖިންސީ ގުޅުން ހިންގަން ތިބުން އާންމު ވާހަކަ އެވެ. އިންސާނުންގެ ދަރަޖައިން ނެއްޓި ލަދެއް ނެތި އެފަދަ އަމަލުތައް ހިންގުން ވަރަށްވެސް އާންމެވެ.
އެފަދަ މީހުންނާ މެދު ނަފްސާނީ އިލްމުވެރީން ބުނަނީ "ޕެރަފީލިކް ޑިސްއޯޑާ" ޖެހިފައިވާ ފަރާތްތައް ކަމަށެވެ. އެފަދަ މީހުންގެ ސިކުނޑި މަސައްކަތް ކުރާ ގޮތް އާންމު މީހުންނާ އަޅާބަލާއިރު ވަރަށް ތަފާތެވެ. ލަދުވެތިކަމެއް އެމީހުންގެ ނުހުރެ އެވެ. ޖިންސީ އުފާ ބޭނުންވީމާ ފަސްނުޖެހި ގޮތެއްފޮތެއްނެތި އެމީހުން އެކަންކޮށްލަ އެވެ.
ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި މީހުންނަށް އެހެންވާ ސަބަބުތަކުގެ ތެރޭގައި ވަރަށް ކުޑައިރު ޖިންސީކަންކަން ތަޖުރިބާކޮށްފައި ހުރުން ހިމެނެ އެވެ. އެއާ އެކު އަބަދު ޖިންސީ އަމަލުތަކާ ދޭތެރޭ ވިސްނައި އެކަމުގެ ތެރޭގައި އުޅެން ހަދައިގެން އެފަދަ މައްސަލަތައް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް އެހެންވެދާނެ ބައިވަރު ސަބަބުތައް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމިއްލައަށް މަރުވުން އިތުރުވަނީ
ނަފްސާނީ އިލްމުވެރިީން ބުނާ ގޮތުން އަމިއްލައަށް މަރުވާ ހިސާބަށް މީހާ ދަނީ މާބޮޑަށް ޑިޕްރެސްވެ، ތިމަންނަ ހުރި ހާލަތުން އެއްވެސް މީހަކަށް ސަލާމަތް ނުކުރެވޭނެ ކަމަށް ގަބޫލު ކުރެވުމުން ނުވަތަ އެކަމަކަށް އެއްވެސް ހައްލެއް ނެތްކަން ގަބޫލް ކުރެވޭ ހިސާބަށް ދިއުމުންނެވެ. އެފަދަ މީހުން ގަބޫލުކުރާ ގޮތުގައި ދެން ކުރިއަށް އޮތްތަނުގައި އެ މީހުންނަށް އެއްވެސް އުފަލެއް ލިބެން ނެތީ އެވެ. ނަމަވެސް ހުރިހާ އިލްމުވެރީން އިއްތިފާގުވާ ގޮތުން އެއީ ބޮޑު ކުށްހީއެކެވެ. ކޮންމެ ކަމަކަށް ވެސް ހައްލު ހޯދޭނެ އެވެ.
އެބޮޑު ފާފަ ކުރުން އާންމުވާ ސަބަބެއް ކަމަށް ބެލެވެނީ ހޭލުންތެރިކަން މާބޮޑަށް ދަށީ އެވެ. އެފަދަ ފަރާތްތަކަކީ ހާއްސަ އެހީތެރިކަމާއި އޯގާތެރިން ބޭނުންވާ ފަރާތްތަކެވެ. ނަފްސާނީ އިލްމުވެރީން ބުނާގޮތުން އަމިއްލައަށް މަރުވާން އުޅޭ މީހާ ދެނެގަނެވޭ އެއް އަލާމާތަކީ އޭނާގެ ވާހަކަތަކެވެ. އެފަދަ ހާލަތުގައި ހުންނަ މީހާ އަބަދު އެކަހަލަ ވާހަކަ ދައްކާނެ އެވެ. މިސާލަކަށް ދަންޖެހެން ގޮށްޖަހަނީ ކިހިނެއްތޯ ނުވަތަ ބޭސް ކެއުމުންވާނީ ކިހިނެއްތޯ ބަލައިހަދާނެ އެވެ. ހަމައެއާ އެކު ދުނިޔެ މަތިން ފޫހިވެ މާޔޫސްވެގެން އުޅުމަކީ ވެސް އޭގެ އަލާމާތެކެވެ.
މައްސަލަ ބޮޑު، ހޭލުންތެރިކަން ދަށް!
އިސްވެ މިފާހަގަކުރި މައްސަލަތަކަށް ބަލާއިރު އެއީ ރާއްޖޭގައި އެންމެ ގިނައިން ފާހަގަކުރެވޭ ނަފްސާނީ މައްސަލަތަކެވެ. ނަފްސާނީ ކޮންމެ ބައްޔަކީ ވެސް ފަރުވާ ހޯދޭނެ ކަންކަމެވެ. އެކަން ވާނީ ހޭލުންތެރިކަން އިތުރުކޮށްގެންނެވެ. ބޭހާއި ތެރަޕީތަކުން އެއީ ހައްލު ހޯދޭ ބައްޔެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގައި 322 މިލިއަނަށް ވުރެ ގިނަ މީހުން ނަފްސާނީ ބަލީގެ ޝިކާރައަށް ވެފައިވެ އެވެ. އަދި ރާއްޖޭގައި މިދިޔަ އަހަރު އާސަންދައިން ގާތްގަނޑަކަށް 3.3 މިލިއަން ރުފިޔާ ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ހަރަދުކޮށްފައިވެ އެވެ. ނަމަވެސް ރާއްޖޭގައި އެމައްސަލަ އޮތްވަރަށް ބަލާއިރު އެކަމަށް ފަރުވާ ކުރެވޭލެއް މާމަދީ އެވެ. ހޭލުންތެރިކަން އިތުރު ކުރަންޖެހެ އެވެ.
އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށްވާ ވިނޯދު ކުމާރް ވިދާޅުވި ގޮތުގައި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ދިވެހީންގެ ހޭލުންތެރިކަން ހުރިނަމަވެސް ނަފްސާނީ މައްސަލަ ތަކަށް ދިވެހިންގެ ހޭލުންތެރިކަން ވަރަށް ވެސް ދަށެވެ.
ދިވެހީންގެ ތެރެއިން އާންމުކޮށް ފެންނަ ނަފްސާނީ މައްސަލަތަކުގެ ގޮތުގައި އޭނާ ފާހަގަކޮށްފައި ވަނީ ޑިޕްރެޝަނާއި އެންޒައިޓީ އެވެ. ސަބަބެއް ކަމަށް ވިނޯދު ވިދާޅުވީ އުޅެން ޖެހޭ މުޖުތަމައުއާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތެވެ.
"ދިވެހީންގެ ތެރޭގައި އާއިލާ ރޫޅުމުގެ މައްސަލަތައް ގިނަ، އާއިލީ ގުޅުން ދަށްވުމުގެ ނަތީޖާއަކީ ކުއްޖަކަށް ކަމެއް ދިމާވެގެން އެކަމުން އެކުއްޖާއަށް ރައްކާތެރިކަން ދޭނެ މީހުން ނެތުން، ނަތީޖާއަކީ ނަފްސާނީ މައްސަލަތަކާއި ކުރިމަތިވުން،" ވިނޯދު ވިދާޅުވި އެވެ.
ވިނޯދު ވިދާޅުވި ގޮތުގައި ނަފްސާނީ ދުޅަހެޔޮ މުޖުތައުމައުއެއް ބިނާކުރުމަށް ޓަކައި ދިވެހިީންނަކީ އާއިލީގުޅުން ރަނގަޅު އަދި ނަފްސާނީ މައްސަލަތަކަށް ހޭލުންތެރި މުޖުތަމައުއަކަށް ހަދަންޖެހެެ އެވެ.
ނަފްސާނީ މައްސަލަ ތަކަށް ހައްލު ހޯދާ!
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ނަފްސާނީ މައްސަލަތަކަކީ، ގައުމެއްގެ ތަރައްގީއަށް ހުރަސްއަޅާ ކަމެއްކަމަށްވާ އިރު، ހެލްތު މިނިސްޓްރީއާއި ކަމާ ބެހޭ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތައް ގުޅިގެން މިހާރު ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް 'ސަން' އަށް އިންޓަވިއު ދެއްވަނީ --- ސަން ފައިލް ފޮޓޯ
"(ދުޅަހެޔޮކަމުގެ) ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި އެކްޝަން ޕްލޭނެއް އެކުލަވާލެވި މިހާރު އަޅުގަނޑުމެން މިތިބީ އަމަލީ ގޮތުން މި މަސައްކަތްތައް ފެށުމުގެ މަރުހަލާގައި. ނަފްސާނީ ދުޅަހެޔޮ ކަމަށް ފަރުވާ އާއި އެހީތެރިކަން ކަށަވަރު ކުރުމަށްޓަކައި ބިލެއް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު އަޅުގަނޑުމެން ވަނީ ފަށާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ހައްލަކީ އިސްލާމީ އުސޫލްތައް!
ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އިންސާނުންނަށް ޖެހޭ މުސީބާތްތަކުގައި ކެތްތެރިވާން ޖެހެ އެވެ. މާޔޫސްވުމާއި ނުތަނަވަސްކަން ކުރިމަތިވަނީ އިންސާނާގެ އަގީދާ ބަލިކަށި ކަމުންނެވެ. އަދި މުސީބާތެއް ކުރިމަތިވާ ހިނދު އަގީދާ ބަލިކަށި ވުމަކީ އޭގެ ސަބަބުން އިންސާނުންގެ ސިކުނޑިއަށް ޝައިޠާނާ އަވަލައި އެމީހާ މާޔޫސް ކޮށްލާނެ ކަމެއް ކަމަށް އިލްމުވެރީން ވިދާޅުވެ އެވެ.
އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން ދަރިން ދަރުބިއްޔަތު ކުރުމާއި ހެވާއި ނުބައި އެކުދީންނަށް ބުނެދީ، ދެދުނިޔޭގެ ވާހަކަތައް ބުނެދީ އީމާންތެރިކަން އިތުރުކުރުން އެއީ ހަގީގީ ހައްލެވެ.
އިސްވެ ފާހަގަ ކުރި މައްސަލަތަކަކީ މުޅިން ވެސް ނަފްސާނީ މައްސަލަތަކެވެ. މިއީ ހަމައެކަނި މިގައުމަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް އިންތިހާއަށް އާންމު މައްސަލައެކެވެ. މިގައުމުގައި މައްސަލައަކީ މިކަމަށް ހޭލުންތެރިކަން މާދަށްވުމެވެ. ނަތީޖާއަކީ ހިތި ތަޖުރިބާތަކެއް ކުރަންޖެހުމެވެ.