15 Apr 2017, 18:26
ރާއްޖެއިން ޖަޕާނަށް ކަނޑައެޅި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ ސަފީރުކަމުގެ ފަތްކޮޅު، ޝާހީ ރަސްމިއްޔާތެއްގައި ޖަޕާނުގެެ ރަސްގެފާނު އަކިހިޓޯއަށް އަރުފައިވިއެވެ.
ޖަޕާނުގައި ބޭރު ގައުމުތަކުގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ޖަޕާނުގެ އިމްޕީރިއަލް ޕެލެސް ނުވަތަ ޝާހީ ގަނޑުވަރަށް ވަޑައިގަތުމަށްޓަކައި، ގަނޑުވަރުގެ ފަރާތުން ސަފީރާއި ސަފީރުގެ ވަފުދު ދަތުރުކުރުމަށްޓަކައި އަސް ބޭނުންކޮށްގެން ދުއްވާ ކެރިއެޖް (އަސްގާޑިޔ)ާ ފޮނުވައެވެ.

ހުކުރު ދުވަހު ދިވެހި ސަފީރު މުންދު، ޖަޕާނުގެ ރަސްގެފާނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ވަޑައިގަތީ އަސްގާޑިޔަލެއްގައެވެ. އެ ދަތުރުގެ ފޮޓޯތައް މުންދު ވަނީ އޭނާގެ ސޯޝަލް މީޑިއާގައިވެސް ޝެއާ ކުރައްވައިފައެވެ.
ޖަޕާނާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 27 ޑިސެމްބަރު 1967 ވަނަ އަހަރުއެވެ. އެ ގުޅުން ފެށިގެން އައީ ޖަޕާނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ސެއިޒޯ ހިނާޓާ ރާއްޖެ ވަޑައިގެން، ރާއްޖޭގެ ރަސްގެފާނު މުހައްމަދު ފަރީދު ދީދީއަށް، ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމާ އެކުއެވެ.

މިއަހަރަކީ މި ގުޅުމަށް 50 އަހަރު ފުރޭ ރަން ޔޫބިލުގެ މުނާސަބަތެވެ.