15 Apr 2017, 13:36
ކާބުލް(އޭޕްރިލް 15): އަފްޣާނިސްތާނުގައި ތިބި އައިއެސްގެ ހަނގުރާމަވެރިންތަކަކަށް އެމެރިކާއިން ދިންގައި އައިއެސްގެ 90 ހަނގުރާމަވެރިން މަރުވި ކަމަށް އަފްޣާން އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އެ ހަމަލާ އަމާޒުކުރި ނަންގަހާރު ޕްރޮވިންސްގެ އަޗިން ޑިސްޓްރިކްޓުގެ ގަވަރުނަރު އިސްމާއިލް ޝިންވަރީ ވިދާޅުވި ގޮތުގައި މެސިވް އޯޑްނަންސް އެއާ ބްލާސްޓް (އެމްއޯއޭބީ)ގެ ނަމުން ނަން ދީފައިވާ އެބޮމުގެ ސަބަބުން އާއްމުންގެ މީހަކު މަރުވެފައެއްނުވެއެވެ.
އަފްޣާނިސްތާނުގެ ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ ވިދާޅުވި ގޮތުގައި އެމެރިކާއިން އެހަމަލާ ދީފައި ވަނީ އަފްޣާން ސަރުކާރާ ގުޅިގެންނެވެ. އަދި ހަމަލާ ދިން ސަރަހައްދުގައި އުޅޭ އާންމު ރައްޔިތުންނަށް ގެއްލުމެއް ނުވާނެކަން ޔަގީން ކުރުމަށް ފިޔަވަޅުތައް އެޅި ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެހަމަލާގެ ސަބަބުން އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ބޭނުންކުރާ ހޮހޮޅަތަކަކާއި ބިމު އަޑީގައި ހަދާފައިވާ މަގުތަކެއް އެއްކޮށް ސުންނާފަތިވި އެވެ.
އެމެރިކާ އަސްކަރިއްޔާއިން ނުރަސްމީކޮށް "މަދަރ އޮފް އޯލް ބޮމްބްސް" ނުވަތަ "ހުރިހާ ބޮން ތަކުގެ މަންމަ" ކިޔާ އެމްއޯއޭބީއަކީ ނިއުކްލިއާ ހަކަތަ ބޭނުން ނުކުރާ އެންމެ ވަރުގަދަ ބޮމެވެ. އަދި އެއީ ދުނިޔޭގައި މިހާތަނަށް ބޭނުންކުރެވުނު، ސައިޒުން އެންމެ ބޮޑު ބޮމެވެ.
އަފްޣާން ސަރުކާރުން އެހަމަލާއަށް ތާއިދުކޮށް ވާހަކަ ދެއްކި ނަމަވެސް އެގައުމުގެ ކުރީގެ ރައީސް ހާމިދް ކަރްޒާއީ ވަނީ އެ ހަމަލާއަކީ 'އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް ގޮތުގައި އައު އަދި ނުރައްކާތެރި ހަތިޔާރުތައް އެގައުމުގައި ޓެސްޓު ކުރުމުގެ' ގޮތުގައި ސިފަ ކުރައްވައިފައެވެ. (ބީބީސީ)