ރެއާލް މެޑްރިޑްގެ ޕޯޗްގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ގަދަކަމުން އަންހެނަކު ރޭޕްކުރުމަށް ފަހު، އެކަން ވަންހަނާކުރުމަށް، އެ އަންހެންމީހާއަށް ފައިސާދިންކަމަށް ބުނެ، ޖަރުމަނުގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް ރޮނާލްޑޯގެ އޭޖެންޓުން ބުނެފިއެވެ.

ރޮނާލްޑޯގެ އޭޖެންޓް، ޖޯޖް މެންޑޭޒްގެ ސްޕޯޓްސް މެނޭޖްމަންޓް ކޮމްޕެނީ ކަމަށްވާ ޖެސްޓިފުޗީން ވަނީ، "އެއީ މީޑިއާގައި ހަދަހަދައިގެން ދައްކާ ވާހަކަތަކެއް" ކަމަށް ބުނެ އެވާހަތައް ދޮގުކޮށްފައެވެ.

ރޮނާލްޑޯއާ ގުޅޭގޮތުން ޖަރުމަނުގެ ނޫހުގައި ލިޔެފައިވަނީ، ވަރަށް ދަށުދަރަޖައިގެ، ހަޑިމުޑުދާރު ވާހަކަތަކެއް ކަމަށް ސިފަކޮށް އޭނާގެ އޭޖެންޓު ބުނީ، އެ ތުހުމަތުތަކާ ދެކޮޅަށް، ރޮނާލްޑޯއަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުން ހިފާނޭކަމަށެވެ.

"މިއަދު ޖަރުމަނުގެ ނޫހެއްކަމަށްވާ 'ދަ މިރާ'ގައި ވަނީ ރޮނާލްޑޯގެ ބޮލުގައި ރޭޕްގެ ތުހުމަތުތަކެއް އަޅުވައި ވަރަށް ދިގު އާޓިކަލެއް ޝާއިއުކޮށްފައި. އެއީ 2009 ވަނަ އަހަރު، މީގެ އަށް އަހަރު ކުރިން ހިނގާފައިވާ ހާދިސާއެއްކަމަށް ބުނެ،" ރޮނާލްޑޯގެ އޭޖެންޓު ބުނެފައި ވެއެވެ.

"އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން. އެއީ ނޫހުގައި ހަދަހަދައިގެން ދަައްކާފައިވާ ވާހަކަތަކެއް."

ރޮނާލްޑޯގެ އޭޖެންޓު ބުނީ، އެ އާޓިކަލްގައި ބުނެފައިވާ، ރޮނާލްޑޯގެ ޖިންސީއަނިޔާގެ ޝިކާރައަކަށްވި ފަރާތްވެސް އެ ތުހުމަތުތައް ޔަގީންކޮށްދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

"ނޫހުގައި ލިޔެފައިވާ އާޓިކަލް އެއްކޮށް ބިނާކޮށްފައިވަނީ، ތައްޔާރުކުރީ ކޮންފަރާތަކުންކަން ނޭނގޭ، އަސްލެއް ނެތް ޑޮކިއުމަންޓްތަކަކަށް.

"ލޯޔަރުންތަކެއްގެ މެދުގައި އީމެއިލްގެ ޒަރީއާއިން ކޮށްފައިވާ އެ މުއާމަލާތްތަކާ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވެސް ގުޅުމެއް ނެތް، އަދި އެއްވެސް ގޮތަކަށް އެ ލިޔުންތައް ވެރިފައިކޮށްފައެއް ނުވޭ. އަދި ރޭޕްގެ ޝިކާރައަކަށްވި ފަރާތްކަމަށް ބުނެ ސިޓީ ފޮނުވާފައިވަނީ ކާކުކަންވެސް ނޭނގެ."

ޖޭސްޓިފުޗީން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނީ، ރޮނާލްޑޯގެ އަބުރު ގެއްލުވާލުމަށްޓަކައި ޖަރުމަނުގެ މިރާ ނޫހުން ފަތުރާފައިވާ ދޮގު ވާހަކަތަކަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނޭ ވާހަކަތަކެއް ނޫންކަމަށެވެ. އަދި ރޮނާލްޑޯގެ އަބުރު އެގޮތަށް ކަތިލާން ދޫކޮށް ނުލާނޭކަމަށް ބުނެ އިންޒާރު ދީފައިވެއެވެ.