06 Jul 2011, 22:08
ޑެންގީ ހުން ފެތުރެމުންދާތީ ސްކޫލްތަކުގެ ބެލެނިވެރިން މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ސްކޫލްތަކަށް ފޮގް ކޮށްދިނުމަށް އެދެމުންދާ ކަމަށް ޑެންގޫ ހުން ކޮންޓްރޯލްކުރުމަށް އުފައްދާފައިވާ ޓާސްކްފޯހުން މިރޭ ބުނެފިއެވެ.
"މިހާރު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބެލެނިވެރިންގެ ހިތްތަކުގައި މިވަނީ ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދިފައި،" ޓާސްކްފޯހުގެ މެމްބަރު ޑރ. ނަޒީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސްކޫލްތަކުގެ ބައެއް އިތުރު ހަރަކާތްތައް އެހެންވެ ހުއްޓާލާފައިވާ ކަމަށެވެ.
~
ޑެންގީ ހުން ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްކޮންފަރެންސްގައި ޑރ. ނަޒީރު ވިދާޅުވީ ބެލެނިވެރިންގެ އެދުމުގެ މަތިން ހަފުތާ ބަންދުގައި ސްކޫލްތަކަށް ފޮގްކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
"މިހާރަކަށް އައިސް ފުދޭވަރަކަށް ގިނަ ބެލެނިވެރިން އަޅުގަނޑުމެންނާ ގުޅުއްވަމުން އެބަ ގެންދަވާ، )ވިދާޅުވޭ( މާލޭގައި ކޮންމެ ދުވަހަކު ފޮގްކުރަމުން އަންނަ އިރުވެސް އެއްވެސް ސްކޫލަކަށް ފޮގެއް ނުކުރެޔޭ، އެކަމަކު މިތަން ތަނަކީ އެންމެ ގިނަ ކުދިން އެއްވެ އުޅޭ ތަންތަނޭ ދުވާލުގެ ގިނަ ވަގުތުތަކުގައި،" ޑރ. ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑެންގީ ހުން ފެތުރެން ފެށިފަހުން މިހާތަނަށް އަދި ރާއްޖޭގެ އެއްވެސް ސްކޫލަކަށް ފޮގް ނުކުރާ ކަމަށާއި އެއީ އެތަންތަނުގެ ތެރޭގައި ކިޔަވަމުން އަންނާތީ ކަމަށެވެ. އަދި މީގެ ދެ މަސްދުވަސްކުރިން ސްކޫލްތައް ވަރަށް ސާފުކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިފައިންނާއި ޓާސްފޯސް ގުޅިގެން އިއްޔެ ސްކޫލްތައް ސާވޭކޮށްފައިވާނެ ކަމަށާއި ވަކިން ހާއްސަކޮށް ޕްރީ ސްކޫލްތައް ބަލާފައިވާނެ ކަމަށެވެ. އަދި ހުކުރު ހޮނިހިރުގައި ސްކޫލްތަކުގައި މަދިރި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ޓާސްކްފޯހުން މިރޭ ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތޮގައި މިހާތަނަށް މާލެއާއެކު ރާއްޖޭގެ ހަރަށެއްގައި ޑެންގީ ހުމުގެ 117 މައްސަލައެއް ރެކޯޑްކުރެވިފައި ވެއެވެ. އެއީ ހދ. ކުޅުދުއްފުށީފައި 13 މީހަކު، ބ. ތުޅާދޫގައި 10، އއ. ތޮއްޑޫގައި 20، ތ. ކިނބިދޫގައި 20، ގދ. ތިނަދޫގައި 13، އަދި މާލޭގައި 41 މީހެކެވެ. މީގެ ތެރެއިން މާލޭގައި ރެކޯޑް ކުރެވިފައިވާ 41 މީހުންނަކީ މިމަހުގެ އެއްވަނަ ދުވަހުގެ ފަހުން ރެކޯޑް ކުރެވިފައިވާ މީހުން ކަމަށާއި އެހެން ރަށްތަކުގައި ރެކޯޑް ކުރެވިފައިވާ މީހުންނަކީ މިދިޔަ މަހުން ފެށިގެން ރެކޯޑްކުރެވިފައިވާ މީހުން ކަމަށް ޓާސްފޯހުން ބުންޏެވެ.
ޑރ. ނަޒީރު ވިދާޅުވީ މިހާރު ސަމާލުކަން ދޭން ޖެހިފައި ވަނީ މިހަ ރަށަށް ކަމަށާއި އެހެންވެ އެ ރަށްތަކާ މެދު ދެން އަމަލުކުރާނެ ގޮތެއް ނިންމުމަށް މިރޭ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.