15 Apr 2017, 12:38
ސޯލް (އޭޕްރިލް 15): އެމެރިކާ އިން އަޅާ ފިޔަވަޅަކާ ގުޅިގެން އުތުރު ކޮރެއާއިން ނިއުކްލިއާ ހަމަލާއެއް ދޭން ތައްޔާރަށް އޮތް ކަމަށް އެގައުމުން ބުނެފި އެވެ.
އުތުރު ކޮރެއާ އިން އެފަދައިން ބުނެފައި ވަނީ އެގައުމުގެ ބާނީ ކިމް އިލް ސަންގުގެ 105 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާތަކުގެ ތެރެއިންނެވެ. މިއަދު އެގައުމުގައި ބޭއްވި ޕެރޭޑުތަކުގައި ސިފައިންނާއި ޓޭންކުތަކާއި އެހެން އަސްކަރީ ސާމާނު ދައްކާލާފައިވެ އެވެ.
"އަޅުގަނޑުމެން މިތިބީ ހަނގުރާމައަކަށް ހަނގުރާމައަކުން ރައްދު ދޭން ތައްޔާރަށް. އަދި ނިއުކްލިއާ ހަމަލާއަކަށް ނިއުކްލިއާ ހަމަލާއަކުން ރައްދު ދޭން ތައްޔާރަށް،" އުތުރު ކޮރެއާގެ އަސްކަރީ އޮފިޝަލު ޗޯ ރުޔޮންގް ހޭ ވިދާޅުވި އެވެ.
އެމެރިކާގެ ކަނޑުގެ މަނަވަރުތަކެއް ކޮރެއަން ޕެނިންސުލާއާ ދިމާލަށް މިސްރާބު ޖެހި ފަހުން އެމެރިކާ އާއި އުތުރު ކޮރެއާއާ ދެމެދު ޖެހިފައިވާ މައްސަލަ ވަނީ އިތުރަށް ހޫނުވެފަ އެވެ.
އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރުމަށް އެމެރިކާ އިން އަމިއްލައަށް ފިޔަވަޅު އަޅަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)