މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީއެއްގެ ގަޔަށް، ހަމަ އެ ޖަލުގައި ތިބި އެހެން ގައިދީން ތަކެއް ހޫނުފެން ޖެހުމުގެ ސަބަބުން އެމީހާ ވަރަށް ބޮޑަށް ފިހުނު މައްސަލަ ބަލަމުން އަންނަ ކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިސަރު ވިދާޅުވީ، ގައިދީއެއްގެ ގަޔަށް ހޫނުފެން ޖެހި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ ބަލަމުންދަނީ މާފުށީ ޕޮލިސް ސްޓޭޝަނުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

" އެފަދަ މައްސަލައެއް ހުށައެޅިފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު. އެމައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ބަލަމުން،" މިޑީޔާ އޮފިސަރު ވިދާޅުވިއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ފިހުނު މީހާއަށް ހޫނުފެނުން ހަމަލާ ދީފައިވަނީ އެ ގައިދީއާ އެއް ގޮޅިއެއްގައި ތިބި ގައިދީން ތަކެކެވެ. ނަމަވެސް މި ކަން ޔަގީން ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިޔާ އޮފިސަރަށް ތަކުރާރުކޮށް ގުޅިނަމަވެސް ފޯނު ނުނަންގަވާތީ އިތުރު ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އަދި މިހާދިސާގައި ފިހުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަން އިތުބާރު ހުރި މަސްދަރުތަކުން ޔަގީން ކޮށްދިން ނަމަވެސް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަރެކްޝަންސްގެ ފަރާތުން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ފަރުވާދޭ މީހުންގެ މައުލޫމާތު އެ ހޮސްޕިޓަލުން ހާމަ ނުކުރާ ކަަމަށެވެ.