ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި އެސްޓީއޯއިން އާސަންދައިގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިފިއެވެ.

ރޭ މާފަންނު ވެލިދަނޑުގައި ކުރިއަށްދިޔަ އެ މެޗުން އެސްޓީއޯ މޮޅުވީ 14-1 ލަނޑުންނެވެ.

ދެ ޓީމުގެ ކުޅުމަށް ބަލާއިރު އެސްޓީއޯ ފެނުނީ ތަފާތުކޮށެވެ. އެޓިމުންވަނީ މެޗުގެ 34 ވަނަ ސިކުންތުގައި ގޯލެއް ޖަހައި ކުރި ހޯދައިފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ޖުމުލަ ހަ ގޯލް ކާމިޔާބުކޮށްދިން މީނާ އަހްމަދީއެވެ.

މީނާ ހަ ލަނޑު ކާމިޔާބުކުރިއިރު އައިމިނަތު ނުހުޒާ ވަނީ ޖުމުލަ ހަތަރު ލަނޑު އެސްޓީއޯއަށް ކާމިޔާބުކޮށްދީފައެވެ. ސަފިއްޔާ ރަފާ ދެ ލަނޑު ކާމިޔާބު ކުރިއިރު ވިދާ ޒެމަރާއި އާ އައިމިނަތު ހައްސާނާ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

އާސަންދަ ޓީމުން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިމިނަތު މަނާލް އަލީއެވެ.

މި ނަތީޖާއާއެކު އާސަންދަވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. އެސްޓީއޯ ތިން މެޗު ކުޅުނު އިރު އެ ޓީމްވަނީ ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެފައެވެ.