ބޮލީވުޑުގެ ބަތަލާ އަނުޝްކާ ޝަރްމާ އަދި ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީގެ ލޯބީގެ ގުޅުމުގެ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް އެއްބަސްވެފައެއް ނުވެ އެވެ. ނަމަވެސް އެ ގުޅުން އޮތީ ދުނިޔެއަށް އެނގޭ ބޮޑު ސިއްރެއްގެ ގޮތުގައެވެ.

ނަމަވެސް ފަހަކަށް އައިސް ވިރާތު އަންނަނީ ދެމީހުންގެ ގުޅިގެން އުޅޭކަން ޔަގީން ކޮށްދޭ ފަދަ ޕޯސްޓުތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން މީހުންގެ ސަމާލުކަމަށް އައިސްފައި ވަނީ ވިރާތުގެ އިންސްޓަގްރާމްގެ ޑިސްޕްލޭ ފޮޓޯ އެވެ.

ވިރާތު ވަނީ ވަރަށް ފަހުން އޭނާގެ އިންސްޓަގްރާމް ޑިސްޕްލޭ ފޮޓޯ ބަދަލުކޮށްފައެވެ. އެއީ އަނުޝްކާ އާ ދެމީހުން ހިނިތުންވެފައި ތިބި ފޮޓޯ އަކަށެވެ. އެއީ ކްރިކެޓް ކުޅުންތެރިޔާ ޔުވްރާޖް ސިންގ ގެ ކައިވެނީގެ ހަފްލާގައި ނަގާފައިވާ ފޮޓޯ އެކެވެ. އެ ހަފްލާއަށް ދެމީހުން ދިޔައީ ވެސް އެކީގައި، އަތުގައި ހިފައިގެންނެވެ.

ވިރާތުގެ ޑިސްޕްލޭ ފޮޓޯ ބަދަލު ކުރުމާ އެކު، ދެމީހުންގެ ގުޅުން މިހާރު 'އޮފިޝަލް' ކުރީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ވިރާތު އޭނާގެ ޑިސްޕްލޭ ފޮޓޯ ބަދަލުކޮށްފައި މިވަނީ ކޮނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗުގައި އޭނާ އަށް ނުކުޅެވުމާ ގުޅިގެން، އަނުޝްކާ ވިރާތު އާ ބައްދަލު ކުރުމަށް ބެންގަލޫރޫ އަށް ގޮސްފައި ވަނިކޮށެވެ.

މަޝްހޫރު ފަންނާނުން، ލޯބީގެ ގުޅުންތަކަށް އެއްބަސް ނުވާއިރު، ގުޅުން ޔަގީން ވަނީ ސިއްރުން ކައިވެނި ކުރާ ހިސާބުންނެވެ. އެހެންކަމުން އަނުޝްކާ އާއި ވިރާތުގެ ގުޅުމަށް ވެސް ދެމީހުންގެ އަނގައިން އެއްބަސްވާނެ ކަމަށް ނުބެލެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ފޮޓޯ ބަދަލު ކުރުމުގެ އިތުރުން މީގެ ކުރިން، މި އަހަރުގެ ލޯބިވެރިންގެ ދުވަހު ވެސް ވިރާތު ވަނީ އަނުޝްކާ އާއެކު ނަގާފައިވާ ފޮޓޯ އެއް އިންސްޓަގްރާމް ކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަން އަކަށް ލިޔެފައި ވަނީ އަނުޝްކާ އާއެކު އޭނާ ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް ލޯބިވެރިންގެ ދުވަސް ކަމަށެވެ.

ހަމަ އެއާއެކު އަންހެނުންގެ ދުވަހު ވެސް ވިރާތު ކުރި ޕޯސްޓު ޚާއްސަކޮށްފައި ވަނީ އޭނާގެ މަންމަ އަށާއި އަނުޝްކާ އަށެވެ.