15 Apr 2017, 09:56
ބަތަލާ ކަރިސްމާގެ ކަޕޫރުގެ ކުރީގެ ފިރިމީހާ، އިންޑިއާގެ ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރު އަނެއްކާވެސް ކައިވެންޏެއް ކޮށްފި އެވެ. ސަންޖޭ ކައިވެނިކޮށްފައި ވަނީ އޭނާ ފަސް އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މޮޑެލް، ޕްރިޔާ ސަޗްދޭވް އާއެވެ.
ރިޕޯޓުތައް ބުނާގޮތުން ދެމީހުން ކައިވެނިކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ވެރިރަށް ދިއްލީގައި ވަރަށް ސިއްރުންނެވެ. ދެމީހުންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައި ވަނީ ދެ ފަރާތުގެ އާއިލާއިންނެވެ.
ނަމަވެސް ވަރަށް އަވަހަށް ދެމީހުންގެ ކައިވެނީގެ އުފަލުގައި ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށް އަންނަނީ ރާވަމުންނެވެ. އެ ރަސްމިއްޔާތު ކުރިއަށް ދާނީ ނިއު ޔޯކުގައެވެ. ސަންޖޭ އާއި ޕްރިޔާ އެންމެ ފުރަތަމަ ދިމާވީ ނިއު ޔޯކް އިންނެވެ.
ސަންޖޭ އާއި ޕްރިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު، ކަރިސްމާ އާއި ދެމީހުންގެ ވަރީގެ ކަންކަން މުޅިން ނުނިމެ އެވެ. ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ ނަމަވެސް، ސަންޖޭ ވަނީ ޕްރިޔާ އާއެކު ވަރަށް ގިނަ ހަފްލާ ތަކާއި ޕާޓީތަކުގައި ބައިވެރިވެފައެވެ.
މިއީ ސަންޖޭގެ ތިން ވަނަ ކައިވެންޏެވެ. ކަރިސްމާ އާއި ސަންޖޭ ކައިވެނި ކުރީ 2003 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ދެކުދިން ވަނީ ލިބިފަ އެވެ. ކަރިސްމާގެ ކުރިން ސަންޖޭ ވަނީ ފެޝަން ޑިޒައިނަރ ނަންދިތާ މަހްތާނީ އާ ވެސް ކައިވެނި ކޮށްފައެވެ. އެ ކައިވެނި ރޫޅުނީ 2003 ވަނަ އަހަރު އެވެ.
މިއީ ޕްރިޔާގެ ދެވަނަ ކައިވެންޏެވެ. ޕްރިޔާ އަށް ވެސް ފުރަތަމަ ކައިވެނިން އަންހެން ކުއްޖަކު ވަނީ ލިބިފައެވެ.