ރާއްޖޭގެ އިޤްތިޞާދަށް ގެންނަންޖެހޭ ބަދަލުތައް އުނދަގޫ ނަމަވެސް އެކަން ކުރަން ވިޔަފާރިވެރިންނާއި، ރައްޔިތުންގެ ތާއީދު ސަރުކާރަށް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާގެ 235 ވަނަ މިނިވަން ދުވަސް ފާހަގަކުރަން އެމެރިކާ އެމްބަސީއިން މިއަދު ހަވީރު މާލޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.

ރައީސް ވިދާޅުވީ ޕާޓީތަކާއި، ވިޔަފާރިވެރިންނާއި، ރައްޔިތުންގެ އެއްބާރުލުމާއެކު، މި އަހަރުގެ ނިމުމުގެ ކުރިން، އިގުތިސޯދީ އިސްލާހުތައް ކާމިޔާބު ކަމާއެކު ގެންނެވޭނެކަމަށެވެ. އިޤްތިޞާދު އިޞްލާޙުކުރަން ސަރުކާރުން ހުށަހެޅި ބަދަލުތަކަކީ، އޭގެ ފުޅާ މިނާއި، ފުންމިނާއި، އަދި އޮއްޓަރުގެ ގޮތުންވެސް، ރާއްޖޭގައި ގިނަ ޕާޓީތައް ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމެއް ތަޢާރަފް ކުރުމަށްޓަކައި ގެނެވުނު ދުސްތޫރީ އިޞްލާޙުތަކާ އެއްވަރުގެ ބޮޑެތި ބަދަލުތަކެއް ކަމަށް ވެސް ރައީސް ސިފަ ކުރެއްވެވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ ކުރިއަށް ދަނީ ރަނގަޅު މަގުގައި ކަމަށެވެ. ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކަށް ޙައްލު ހޯދައި ރައްޔިތުންނަށްވެފައިވާ ވަޢުދުތައް ފުއްދައި ދެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބަޮއޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާއިން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ހިއުމަން ޓްރެފިކިން އާބެހޭ ގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ މައްސަލައަށް ހައްލު ހޯދަން ހަރުދަނާ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށެވެ. ހިއުމަން ޓްރެފިކިންގެ މައްސަލައަކީ، ރާއްޖެ ވަރަށް ކަންބޮޑުވާ މައްސަލައެއްކަމަށާއއި ބޭނުންވަނީ، އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ޝަރަފްވެރިކަމާއެކު ދުނިޔޭގެ އެހެން ޤައުމުތަކާއެކު ހަރަކާތްތެރިވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާސީ މަސްރަހުގެ މައްޗަށް ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށާއި އުނދަގޫ ދަނޑިވަޅުތަކުގައި އެކަންކަމަށް ޙައްލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާކަމަށެވެ. ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ ދެމެދުގައި ޚިޔާލުތަފާތުވާ ގިނަ މައްސަލަތަކެއް ހުރިކަމުގައިވިޔަސް، ވަރަށް ގިނަ މައްސަލަތަކުގައި މި ޚިޔާލުތަފާތުވުންތައް ކުޑަވަމުން އަންނަ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.