14 May 2010, 15:08
19:00
ތައިލެންޑް ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކާއި އެގައުމުގެ ފުލުހުންނާ ދެމެދު އަނެއްކާވެސް ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގައި ތިން މީހަކު މަރުވެ އިތުރު 45 މީހަކު ޒަޚަމްވެއްޖެ އެވެ.
ތައިލެންޑްގެ އަސްކަރިއްޔާއިން މައުލޫމާތުދިން ގޮތުގައި ވެރިރަށް ބެންކޮކްގެ ވިޔަފާރީގެ މައިމަރުކަޒު ކައިރީ މިއަދު ހިނގި މިކުރިމަތިލުންތައް ހިނގާފައިވަނީ މުޒާހަރާކުރަމުންދާ ފަރާތްތަކުން ކޭމްޕް ޖަހާފައިވާ ސަރަހައްދެއްގެ ފެނާއި ކާބޯތަކެތީގެ ސަޕްލައި ކަނޑާލައި އެކޭމްޕް ރޫޅާލަން އުޅުމުގެ ތެރޭގަ އެވެ. އަދި ކަރުނަގޭސް ބޭނުންކޮށްގެން އެކޭމްޕުގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ފޮނުވާލެވިފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.
މީގެ އިތުރުން ބެންކޮކްގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފައިވަނީ އެކޭމްޕުގައި ތިބި ދިހަހާހަށް ވުރެ ގިނަ މީހުންގެ ތެރޭން ފަސްހާހަށް ވުރެ ގިނަ މީހުން މިހާރު އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށާއި އެސަރަހައްދަށް ހަތިޔާރުއެޅި ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވާ ކަމަށެވެ. ނަމަވެސް ބެންކޮކްގެ އެކި ސަރަހައްދުތަކުގައި އަދިވެސް ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން މުޒާހަރާގައި އިސްކޮށް އުޅޭ ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ ތައިލެންޑްގެ ބޮޑުވަޒީރު އަބީސީތް ވެޖަޖީވާ ފެއްޓެވި 'ދާޚިލީ ހަނގުރާމައެއް' ކަމަށެވެ. އަދި ތައިލެންޑް ސަރުކާރުގެ އަމަލުތަކަކީ އިންސާނީ ހައްގުތަކާ ވަރަށް ބޮޑަށް ފުށުއަރާ އަމަލުތަކެއް ކަމަށް ވެސް އެމީހުން ބުނެ އެވެ.
މިކުރިމަތިލުންތައް ހިނގާފައި މިވަނީ އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެއްސި އިންތިޚާބުތައް، މުޒާހަރާ ހުއްޓާނުލަނީސް ނުބާއްވާނެ ކަމަށް ތައިލެންޑް ސަރުކާރުން ބުނިތާ އެއް ދުވަސް ފަހުންނެވެ.