14 Apr 2017, 19:43
ބޭންކް އޮފް މޯލްޑިވްސްއިން ސެލްފް ސާވިސް ބޭންކިންގް ޚިދުމަތް ޅ. ހިންނަވަރަށް ތައާރަފުކޮށްފިއެވެ.
އެ ބޭންކުގެ ސެލްފް ސާވިސް ބޭންކިންގް އޭޓީއެމްއެއް ބަހައްޓައި، ސެލްފް ސާވިސް ބޭންކިންގް ޚިދުމަތް ހިންނަވަރުގައި ތައާރަފުކުރީ މިއަދު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ޚިދުމަތް ފައްޓަވައިދެއްވީ ޅ. ހިންނަވަރަށް ނިސްބަތްވެވަޑައިގަންނަވާ، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްގެ އިތުރުން، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ.
ހިންނަވަރުގައި އޭޓީއެމެއް ގާއިމުކުރުމަކީ، ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ބޭންކިން ޚިދުމަތްތައް ފުޅާކޮށް، އަދި ބީއެމްއެލްގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ފަށާފައިވާ 300 މިލިޔަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމުގެ ދަށުންނެވެ.
ހިންނަވަރުގައި ހުޅުވި އޭޓީއެމުން ފައިސާ ނެގުމާއި، ޖަމާ ކުރުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ޚިދުމަތައް 24 ގަޑިއިރު ލިބޭނެއެވެ.