މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ ތިން ދުވަސް ކުރިން އެ ޖަލްސާއެއްގެ އެޖެންޑާ މެމްބަރުންނަށް ފޮނުވަން ޖެހޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނޫސް ބަޔާނެއް ނެރެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ މައްސަލައިގައި ވޯޓު ނަގަން ޖަލްސާ ބޭއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރިޔަށް މެމްބަރުންނަށް އެޖެންޑާ ނުފޮނުއްވާ ކަމަށް މެމްބަރުން ވާހަކުޅު ދައްކަވަމުން ދާ ކަމަށް ބުނެ އާންމު ކުރި ނޫސްބަޔާނެއްގައި ބުނަނީ ތިން ދުވަސް ކުރިން މެމްބަރުންނަށް އެޖެންޑާ ފޮނުވާ ގޮތަށް އޮތީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރިން އަމަލުކުރަމުން އައި ގަވާއިދުގައި ކަމަށެވެ.

"... ނަމަވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުން އަލަށް އެކުލަވާލައްވައި ފާސްކުރެއްވި ގަވާއިދުގެ 42 ވަނަ މާއްދާގައި ވަނީ މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައި ވެސް އެޖެންޑާއެއް އޮންނަންވާނެ ކަމަށާއި އެ އެޖެންޑާ ކަނޑައަޅާނީ މަޖިލީހުގެ ރައީސް ކަމުގަ އެވެ." ބަޔާނުގައި ވެއެވެ.

"އަދި ހަމަ އެ މާއްދާގައި ޖަލްސާގެ އެޖެންޑާގައި ހިމަނާނީ އެ ޖަލްސާއެއްގައި ނިންމުމަށް އެދި ނުވަތަ ކުރުމަށް އެދި ހުށަހަޅާ ކަންކަން ކަމަށާއި، އަދި އެކަންކަން ސާފުކޮށް އެނގޭނެ މިންވަރަށް އަދި އެކަންކަން ނިންމުމަށް ނުވަތަ ކުރުމަށް އެދޭ ތަރުތީބު ވެސް އެޖެންޑާގައި އެނގެން އޮންނަންވާނެ ކަމުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެ މާއްދާގައި ކޮންމެ ޖަލްސާއެއްގެ ވެސް އެޖެންޑާ، އެ ޖަލްސާއަކަށް ހާޒިރުވެ ތިބި މެމްބަރުންނަށް ފެންނަން އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ،"

ޖަލްސާއެއް ބާއްވަން ކަނޑައަޅާ ދުވަހާއި ޖަލްސާ އޮންނަ ދުވަހާ ދެމެދަށް ތިން ދުވަހަށް ވުރެ ދިގު މުއްދަތު ހިނގާނަމަ އެ ޖަލްސާއެއް އޮންނާނެކަން މެމްބަރުންނަށް އަންގާއިރު، އެ ޖަލްސާގެ އެޖެންޑާ ވެސް މަޖިލީހުގެ ރައީސް މެމްބަރުންނަށް ފޮނުވަން ވާނެ ކަމުގައި ކުރީގެ ގަވާއިދުގައި އޮންނަ ކަމަށް ވެސް ބަޔާން ބުނެ އެވެ.