އައިޖީއެމްއެޗްގެ ލެބޯޓްރީން ހަދާ ޓެސްޓްތަކުގެ ރިޕޯޓުތައް އީމެއިލް މެދުވެރިކޮށް ލިބޭގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ 22 ވަނަ އަހަރީ ދުވަހާ ގުޅިގެން އާ ހިދުމަތްތަކެއް ތައާރަފް ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެގޮތުން ލެބޯޓްރީ ރިޕޯޓް ނިމުމުން މެއިލް މެދުވެރިކޮށް ރިޕޯޓު ލިބޭނެ ގޮތް މިމަސް ތެރޭ ހަމަޖެހިގެންދާނެ ކަަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މެއިލް މެދުވެރިކޮށް ރިޕޯޓު ބޭނުންވާ ބޭފުޅުން ހޮސްޕިޓަލުގައި އީމެއިލް ރެޖިސްޓްރީ ކުރެއްވުމަށް އައިޖީއެޗުން އެދެއެވެ. އޭރުން ރިޕޯޓުތައް ނިމުމުން އޮޓަމެޓިކުން މެއިލްއަށް ފޮނުވާލެވޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އޭގެއިތުރުންވެސް މިމަސް ތެރޭގައި އާ ގިނަ ހިދުމަތްތަކެއް ތައާރަފް ކުރުމުގެ މަސައްކަތް އައިޖީއެމްއެޗުން ދަނީ ކުރަމުންނެވެ. އެގޮތުން ކިޑްރީ ޓްރާންސްޕްލާންޓް ހަދާފައިވާ މީހުންނަށް ހާއްސަ ކްލިނިކެއްވެސް މިމަސް ތެރޭގައި ހުޅުވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އަދި ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންނަށް ނަފްސާނީ ދުޅަހެޔޮ ކަމުގެ ހާއްސަ ކްލިނިކެއް މިމަހު ހުޅުވުމުގެ އިތުރުން ކުންފުނިތަކާއި އޮފީސް އަދި އެންޖީއޯ ތަކުގެ މީހުންނަށް ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުމުގެ ހިދުމަތްވެސް މިމަހު ފަށާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.