މިއަހަރު ބޮލީވުޑްގައި ރިލީޒް ކުރާން ހަމަޖެހިފައިވާ ފިލްމު ތަކުގެ ތެރޭގައި ހިމެނޭ، ކުޅަދާނަ އެކްޓަރު ސަލްމާން ޚާން ލީޑު ރޯލު ކުޅެފައިވާ "ޓިއުބް ލައިޓް" އަކީ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ.

ސަލްމާންއާ އެކު ޗައިނާގެ ބަތަލާ ޒޫ ޒޫ ލީޑް ރޯލު ކުޅެ، ކަބީރު ޚާން ޑައިރެކްޓް ކޮށްފައިވާ އެ ފިލްމަކީ ބޮލީވުޑްގެ ބޮކްސް އޮފީހުގައި ރިކޯޑް މުގުރާލާނެ ފިލްމެއް ކަމަށް ބުނާއިރު، ރިލީޒް ކުރުމުގެ ކުރިންވެސް "ޓިއުބް ލައިޓް" އަށް ބޮޑު އާމްދަނީ އެއް ވަނީ ލިބިފައެވެ.

ފިތުރު އީދާ ދިމާކޮށް ޖޫން މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރާން ހަމަޖެހިފައިވާ "ޓިއުބްލައިޓް" ގެ މިއުޒިކް ރައިޓްސް އާއި ތިއެޓްރިކަލް ރައިޓްސް މިވަނީ ރެކޯޑް އަގެއްގައި ވިއްކާލާފައެވެ. އެގޮތުން މިހާރުވެސް ފިލްމު ރިލީޒް ކުރުމުގެ ކުރިން 227 ކްރޯޑް ރުޕީސް، ރައިޓްސް ވިއްކައިގެން ލިބިފައިވާ ކަމަށްވެ އެވެ.

ްއެ ފިލްމު ދެއްކުމަށް އިންޑިއާގައި ފިލްމު އަޅުވާ ބަޔަކަށް 132 ކުރޯޑަށް ވިއްކާފައިވާއިރު ޗައިނާގައި ފިލްމު ދެއްކުމަށް ވިއްކާފައިވަނީ 75 ކްރޯޑަށް ކަމަށްވެ އެވެ. އަދި ތިއެޓްރިކަލް ރައިޓްސްގެ ގޮތުގައި 207 ކްރޯޑް ލިބިފައިވާއިރު، 20 ކްރޯޑަށް އެ ފިލްމުގެ މިއުޒިކް ރައިޓްސް ވިއްކާފައިވަނީ ފިލްމުގެ ސޮނީ މިއުޒިކަށެވެ. އެ ހުރިހާ ކަމަކާއި އެކު "ޓިއުބް ލައިޓް" އަކީ މި ފަހަކަށް އައިސް ފިލްމުގެ ރައިޓްސްތައް އެންމެ ބޮޑު އަގެއްގައި ވިއްކާލި ފިލްމަކަށް ވާނޭ ކަމަށްވެއެވެ.

ފިލްމު ރިލީޒް ކުރުމުގެ ކުރިން، "ޓިއުބް ލައިޓް" އަށް 227 ކްރޯޑް ލިބުން ވެގެންދިޔައީ ފިލްމު ރިލީޒްކުރުމަށް ފަހު ވެސް ކާމިޔާބު ވާނެ ކަމުގެ ހެއްކަކަށެވެ.

ސަލްމާން އާ އެކު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ސުހެއިލް ޚާން އެ ފިލްމުން ފެންނަ އިރު މި ފަހުން މަރުވި ކުރީގެ މަޝްހޫރު އެކްޓަރު އޯމް ޕޫރީ ވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެއެވެ.