ތުޅާދޫ ކައުންސިލުން ވަކި ކުރި، ޑީއާރްޕީގެ މެންބަރު އުމައިރާ އަބޫބަކުރުގެ މަގާމަށް މެންބަރަކު އައްޔަން ކުރުމުގެ ބައި އިލެކްޝަން ބާއްވަން މިއަދު އިއުލާން ކޮށްފި އެވެ.

މަގުބޫލު އުޒުރެއްނެތި 10 ޖަލްސާއަކަށް ހާޒިރުވެވަޑައިގެންފައި ނުވާކަމަށް ބުނެ އުމައިރާ ކައުންސިލުން ވަކި ކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

ލޯކަލް ގަވާރުމެންޓް އޮތޯރިޓީގެ ލަފާގެ މަތިން އުމައިރާ ވަކި ކުރުމުން ވެސް އުމައިރާ އޮފީހަށް ވަޑައިގަންނަވަމުން ދަނިކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ތުޅާދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވެއްޖެ ކަމަށް ބަލައި އެ ގޮނޑިއަށް މެންބަރަކު ހޮވުމުގެ ބައި އިލެކްޝަން އޯގަސްޓް 20 ވަނަ ދުވަހު ބާއްވަން ނިންމާފަ އެވެ. އެކަމަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވައިލާފަ އެވެ.

އުމައިރާ ކައުންސިލުން ބޭރު ކުރެވޭނީ ކޯޓުން ކަމަށް ބުނެ ޑީއާރްޕީން ވެސް ވާހަކަ ދައްކާފައި ވަނިކޮށް ތުޅާދޫގައި ބައި އިލެކްޝަން ބޭއްވުމަށް އިއުލާން ކޮށްފައިވާއިރު ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ތުޅާދޫ ކައުންސިލުގެ ގޮނޑިއެއް ހުސްވެއްޖެ ކަން އެރަށު ކައުންސިލުން މިއަދު ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަންގެ ގާނޫނީ ވާޖިބަކީ އަވަހަށް އިންތިހާބެއް ބާއްވައި ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރުން ކަމަށެވެ.

"ކައުންސިލްގެ އެންގުމާއެކު ކޮމިޝަންގެ މެންބަރުން މަޝްވަރާ ކުރުމަށް ފަހު އަޅުގަނޑުމެންނަށް ފެނުނީ ކޮމިޝަންގެ މަސްއޫލިއްޔަތަކީ ގޮނޑިއެއް ހުސްވެއްޖެ ނަމަ އެ މަގާމަށް އަވަހަށް މެންބަރަކު ހޮވުން. ކައުންސިލުން އެންގީމާ ދެން އެހެން ބަޔަކު އެއަށް އެޕްރޫވަލް އެއް ދޭން ޖެހޭ ކަމަށް މި ކޮމިޝަނަކުން ނުދެކެން. ގާނޫނުން ވެސް އަޅުގަނޑުމެންނަށް ލާޒިމުކުރޭ ކައުންސިލްގެ ނިންމުމާއި އެއްގޮތަށް ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ކުރަންޖެހޭ ކަންކަން ކުރުމަށް،" ފުއާދު ވިދާޅުވި އެވެ.

އުމައިރާގެ ވަކިކުރި މައްސަލައިގާ ހިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ބައްވާ ބައި އިލެކްޝަން ފަސް ނުކުރާނެ ކަމަށާއި އެ މަސައްކަތް ފަސް ކުރެވޭނީ ޝަރުއީ ކޯޓަކުން ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންދާނަން ކޯޓަކުން ފަސްކުރަން އަޅުގަނޑުމެންނަށް ނާންގާހާ ހިނދަކު. ކޯޓުން އެފަދަ ގޮތަކަށް ނިންމަވައިފިނަމަ އެގޮތަކަށް އިހުތިރާމް ކުރާނަން،" ފުއާދު ވިދާޅުވި އެވެ.
ތުޅާދޫގެ ބައި އިލެކްޝަން އިއުލާން ކުރުމުން އުމައިރާ މިއަދު ވިދާޅުވީ އެކަމަނާއަށް އަދި އެކަން އެގިވަޑައިގެންފައި ނުވާ ކަމަށާއި ބައި އިލެކްޝަންގައި އަލުން ވާދަކުރެއްވުމާއި މެދުވެސް ގޮތެއް ނިންމާނީ ޕާޓީ އާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
"އަޅުގަނޑަކަށް އަދި ނޭންގޭ ތިކަމެއް. އަޅުގަނޑު ކުރިމަތިލުމާއި އަދި ދެން ހުރި ކަންކަން ނިންމާނީ ޕާޓީގެ ސައިޑުން ޕާޓީއާ މަޝްވަރާކުރުމަށްފަހު،" އުމައިރާ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނު ބުނަނީ މަގުބޫލު ސަބަބެއް ނެތި ވިދިވިދިގެން ކައުންސިލްގެ ހަތް ޖަލްސާއަށް ހާޒިރުނުވެއްޖެނަމަ ކައުންސިލްގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ. އުމައިރާ ޗުއްޓީ ނެގުމެއްނެތި ރަށުން ބޭރަށް ވަޑައިގެން ވަނިކޮށް ބޭއްވި ހަތަރު އާއްމު ޖަލްސާ އާއި ކުއްލި ހަ ޖަލްސާ އަށް އެކަމަނާ ހާޒިރުވެވަޑައިގެންފައި ނުވާކަމަށް ކައުންސިލުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އޮގަސްޓް 20 ވަނަދުވަހު ތުޅާދޫގައި ބާއްވާ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އޮގަސްޓް 24 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށެވެ.