14 Apr 2017, 12:10
ގދ. ގައްދޫ ކައިރީ އޮންނަ ރާޅާއަޅާ ސަރަހައްދަށް ފަތުރުވެރީންތަކެއް ގޮވައިގެން ރާޅާއަޅަން ގޮސްއުޅުނު ދިވެއްސަކު ގެނބިގެން މަރުވެއްޖެއެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި، އެ ހާދިސާގައި މަރުވެފައި ވަނީ، ފަތުރުވެރީން ގޮވައިގެން އެ ސަރަހައްދަށް ދިޔަ ލޯންޗުގެ ކެޕްޓަން، ގދ. ވާދޫ، ނަރުގިސްވިލާ މުހައްމަދު ހުސެއިން، 36. އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ގދ. ވާދޫ ކައުންސިލް މެމްބަރު މުހައްމަދު އަހްމަދު ވިދާޅުވީ، މިއަދު ހެނދުނު ގައްދޫ ކައިރީގައި އޮންނަ ރާޅާއަޅާ ސަރަހައްދަށް އެރަށުގައި ތިބި ފަތުރުވެރިންތަކެއް ގޮވައިގެން ދިޔަ ލޯންޗުގެ ކެޕްޓަން ގެނބިގެން މަރުވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ލިބެން ހުރި މައުލޫމާތު ތަކަށް ބަލާއިރު އެ ހާދިސާ ހިނގަން މެދުވެރިވީ ފަތުރުވެރިން ރާޅާއަޅާ ސަރަހައްދަށް ބޭލުމަށް ފަހު، ފަރު ކައިރިީގައި ލޯންޗް އަޅައިގެން އޮއްވާ ނެގި ރާޅެއް ލޯންޗަށް އަރައި ލޯންޗް ބަންޑުން ޖަހާލުމުން އެ ލޯންޗުގައި އެވަގުތު އިން މުހައްމަދު ހުސައިން ލޯންޗް ފުން ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބެނީ ފަރު ކައިރީ ލޯންޗު އަޅައިގެން އޮއްވައި ކުއްލިއަކަށް އެ ލޯންޗް ބަންޑުން ޖަހާލުމުން ލޯންޗްގައި އިން މުހައްމަދު ހުސައިން (ހާދިސާގައި މަރުވި މީހާ) ހިކިފަ އޮތް ފަރުމަތިން ހިނގާފައި އެއްގަމަށް އަރައި އަންނައުނު ތައް ހިފައިގެން އަންބުރާ ލޯންޗާ ދިމާއަށް ދިޔަ ވަގުތު އެސަރަހައްދުގައި އޮތް އެހެން ދޯންޏަކުން އެ ލޯންޗް ތަންކޮޅެއް ބޭރަށް ނެރެ ލޮތާރި ލާފައި ބޭއްވީ،" މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް އަހްމަދު ވިދާޅުވިއެވެ.
"ދެން އަތުނުވާ ހިސާބުގައި ލޯންޗް އޮތުމުން އޭނަ މަޑުކުރީ އެތާ އޮތް ގަލެއްގެ މަތީގައި. ދެން ދޯނި މީހުން އޭނާ ކޮބައިތޯ އިރުކޮޅެއް ފަހުން ބެލި އިރު އެ ގާ މަތީގައި އޭނާ ނުފެނުމުން ހޯދަން ފެށީ. ފެނުނު އިރު އޭނަ އޮތީ އަޑީގައި. ލަފާ ކުރެވޭ ގޮތުގައި 30 ވަރަކަށް މިނިޓް ވާނެ އޭނަ އަޑީގަ އޮންނަތާ."
މުހައްމަދު އަހްމަދު ވިދާޅުވީ އެ ހާދިސާގައި މަރުވި ހަސަންގެ ހަށިގަނޑު މިވަގުތު އޮތީ ގައްދޫ ސިއްހީމަރުކަޒުގައި ކަމަށާއި ސިއްހީ މަރުކަޒަށް ހަށިގަނޑު ގެންދިޔައިރު އަނގައިން ވަރަށް ގަދައަށް ފޮނު ފައިބާފައި ހުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި ވިދާޅުވީ ހަސަންގެ ހަށިގަނޑު މިހާރު ވަދުއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.