ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް، ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް އުފައްދާ ފިލްމުގައި ސަންޖޭގެ ރޯލަށް ޒުވާން އެކްޓަރު ރަންބީރު ކަޕޫރު ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ.

ސަންޖޭގެ ރޯލަށް ރަންބީރު ހަމަޖެއްސުމުން ގިނަ ބަޔަކު ވަނީ ދެމީހުންގެ ހަށިގަނޑުގައި އެއްވެސް ކަހަލަ އެއްގޮތް ކަމެއް ނެތުމުން، ރަންބީރަކީ އެ ރޯލަށް އެންމެ އެކަށޭނަ އެކްޓަރު ކަމާމެދު ސުވާލު އުފައްދައިފައެވެ.

ނަމަވެސް، ސަންޖޭއާ ވައްތަރު ވުމަށް ރަންބީރު ވަނީ އޭނާގެ ހަށިގަނޑު ވަރުގަދަކޮށް، ބަރުދަން 13 ކިލޯ އިތުރު ކޮށްފައެވެ. ރަންބީރު ބަރުދަން އިތުރު ކުރި ފަހުން އާންމުވި ފޮޓޯތަކަށް ފަހު ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާން ކަމެއް ލިބިގެން ގޮސްފައެވެ. އެއާއެކު ރަންބީރު ސަންޖޭއާ ވައްތަރު ކަމަށް ވެސް ގިނަ ބަޔަކު އިއްތިފާގުވި އެވެ.

ފިލްމުގެ ޝޫޓިން ފެށިގެން ކުރިއަށް އަންނަ އިރު، އަނެއްކާ ވެސް މިވަނީ ރަންބީރުގެ ފޮޓޯތަކެއް އާންމުވެފައެވެ. ފޮޓޯތަކާ އެކު އަނެއްކާ ވެސް ގިނަ ބަޔަކަށް މިވަނީ ބޮޑު ޝޮކެއް ލިބިގެން ގޮސްފައެވެ.

ބުދަ ދުވަހު މުމްބާއީގައި ކުރިއަށް ދިޔަ ޝޫޓިންގ ގައި ރަންބީރު ހަރަކާތްތެރިވަމުން ދަނިކޮށް އާންމުންނާއި ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ. އަދި އެއީ އޭނާތޯ ޔަގީން ކުރުމަށް ދެތިން ފަހަރަކު ބަލަން ޖެހުނު ކަމަށް ވެސް ގިނަ މީހުން ވަނީ ބުނެފައެވެ.

ނުރަ ޖަހާފައިވާ ތުނބުޅި އަކާއި، ބޮޑު މަތިމަހެއްގެ އިތުރުން ގަޔަށް ދޫ ދިގު ކުރުތާއެއްގައި ރަންބީރު ފެނުނު އިރު އޭނާ ހީވަނީ ހަމަ ސަންޖޭ ދަތު ހެންނެވެ.

ސަންޖޭގެ ކެރެކްޓަރ އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ރަންބީރު ވަނީ ސަންޖޭ ދަތު ފެނިގެންދާ 250 ގަޑިއިރަށް ވުރެ ދިގު ފުޓޭޖްތަކެއް ވެސް ބަލައިފައެވެ. އޭގެ ތެރޭގައި ސަންޖޭގެ ފިލްމުތަކާއި، އިންޓަވިއު ތަކާއި ވީޑިއޯތައް ހިމެނެ އެވެ. ރަންބީރު ވަނީ ސަންޖޭގެ ހިނގުމާއި، މުއާމަލާތް ކުރުމުގައި ހަށިގަނޑު ގެންގުޅޭ ގޮތްތައް ވެސް ވަރަށް ރަނގަޅަށް ދަސްކޮށްފައެވެ.

އެ ފިލްމުގައި ސަންޖޭގެ ހަޔާތުގެ ތިން ދައުރެއް ދައްކުވައިދޭ އިރު، ތިން ދައުރަށް ރަންބީރުގެ ހަށިގަނޑު ވެސް ބަދަލު ކުރަން ޖެހެއެވެ. އެއީ ސަންޖޭގެ ޅަ ދުވަސްވަރާއި، ފިލްމީ ދާއިރާގައި ހޭދަކުރި ދުވަސްތަކުގެ އިތުރުން ރިހެބްގައި ހޭދަކުރި ދުވަސްތަކެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ އަހަރުގެ ފެބްރުއަރީގައެވެ.

ސަންޖޭގެ ބަޔޮޕިކްގައި ފެނިގެންދާނީ އޭނާ މަޝްހޫރުވި ގޮތާއި ބޮމުގެ ހާދިސާ އާއި ގުޅިގެން އޭނާގެ ކެރިއަރަށް އައި ބަދަލާއި އަދި ޖަލުގައި ހޭދަކުރި ދުވަސްތަކެވެ.

ރަންބީރުގެ އިތުރުން، ޕަރޭޝް ރާވަލް، މަނީޝާ ކޮއިރާލާ، ދިއާ މިރްޒާ، ސޯނަމް ކަޕޫރު، ވިކީ ކޯޝަލް އަދި އަނުޝްކާ ޝަރްމާ ފެނިގެންދާ އެ ފިލްމު ރިލީޒް ކުރާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.