މި އަހަރުގެ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކެޑަމީ (އައިފާ) އެވޯޑްސް، އެމެރިކާގެ ނިއު ޔޯކުގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މިއީ އެމެރިކާގައި އައިފާ އެވޯޑު ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ އައިފާ އެވޯޑު ބާއްވާފައި ވަނީ ފްލްރިޑާގެ ޓެމްޕާ ބޭގައެވެ.

މިއީ އައިފާ އެވޯޑު ކުރިއަށް ގެންދާތާ 18 ވަނަ އަހަރެވެ. ނިއު ޔޯކުގައި އައިފާ އެވޯޑު ކުރިއަށް ގެންދަން ނިންމާފައި ވަނީ ޖުލައި މަހުގެ 14 އަދި 15 ވަނަ ދުވަހު އެވެ.

"ވަރަށް ގިނަ ދުވަސް ވެއްޖެ ނިއު ޔޯކުގައި އައިފާ އެވޯޑު ބާއްވަން މަސައްކަތް ކުރާތާ. މިއީ މުމްބާއީ ކަހަލަ، ދުވަހަކު ވެސް ނުނިދާ ސިޓީ އެއް." އައިފާ އެވޯޑު އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ.

އޭގެ އިތުރުން އައިފާ އެވޯޑުގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޑިއަން ސިނަމާ ޕްރޮމޯޓު ކުރުން ކަމުގައި ވީނަމަވެސް، ހޮލީވުޑު ފިލްމުތަކުގެ އަގު ވަޒަންކޮށް، އިންޑިއާގައި އެއާ ކުރާ ވެބް ސީރީޒް ތަކުގެ އަގު ވަޒަން ކުރުމަކީ މި އަހަރުން ފެށިގެން އައިފާ އެވޯޑުގެ ބައެއް އިތުރު މަގުސަދުތައް ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

އިންޑިއާ އާއި އެމެރިކާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކު ކުރިއަށް ގެންދާ އެ ހަފްލާގައި، ސްޓޭޖް މަތިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް އެކުގައި ފެނިގެން ދިއުން އެކަށީގެންވެ އެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ އެވޯޑުގައި ހޮލީވުޑުގެ ބައެއް ފަންނާނުން ބައިވެރިވެފައި ވާއިރު، މި އަހަރުގެ އެވޯޑުގައި ހޮލީވުޑުގެ ނަން މަޝްހޫރު ގިނަ ފަރާތްތަކަކުން ބައިވެރިވާނެ ކަމަށްވެ އެވެ.