06 Jul 2011, 17:22
ކޮޕާ އެމެރިކާ ފުޓްބޯޅާ މުބާރާތުގައި ކޮންމެ ޓީމެއް ވެސް އެއް މެޗް ކުޅެފައިވާއިރު، މިރޭ ގުރޫޕް އޭގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ އާޖެންޓީނާއާ ދެކޮޅަށް ނިކުންނާނީ ފުރަތަމަ މެޗްގެ ތަޖުރިބާގެ ބޭނުން އޭގެ އެންމެ ހެޔޮތުގައި ހިފާ މެޗް ކާމިޔާބު ކުރަން ކަމަށް ކޮލަމްބިއާގެ ކޯޗު ހާނަން ޑާރިއޯ ގޯމޭޒް އިއްޔެ ބުނެފި އެވެ.
ރާއްޖެ ގަޑިން މިރޭ ފަތިހު 5:45 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް މި ދެޓީމް ނުކުންނައިރު، އާޖެންޓީނާ ވަނީ މުބާރާތް ހުޅުވި މެޗްގައި ބޮލިވިއާ އާއި ދެކޮޅަށް ކުޅެ، އެއް ވަރު ވެފައެވެ. އަދި ކޮލަމްބިއާ ވަނީ 1-0 ލަނޑުން ކޮސްޓަރިކާ އަތުން މޮޅުވެފަ އެވެ.
މިރޭގެ މެޗަށް ނިކުތުމުގެ ކުރިން ކޮމްބިއާގެ ކޯޗް ގޯމޭޒް ބުނީ، އާޖެންޓީނާއަކީ މޮޅު ކުތުންތެރިންތަކެއް ތިބި ޓީމަކަށް ވީނަމަވެސް، މެޗް ދިފާއުކޮށް ކާމިޔާބު ކުރުމަކީ ކޮލަމްބިއާއަށް ނުކުރެވޭ ވަރުގެ ކަމައް ނޫން ކަމަށެވެ. ފުރަތަމަ މެޗްގައި ވެސް ދެއްކި ރީތި ކުޅުން މިރޭ ވެސް ދެއްކިޖެކަމަށް ވަނަމަ މެޗް ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވެސް ކޯޗު ހާނަން ޑާރިއޯ ގޯމޭޒް ބުންޏެވެ.
"މެޗަށް ނިކުންނާނީ މޮޅުވާން. ގްރޫޕްގެ އެންމެ ގިނަ ޕޮއިންޓް ހޯދުމުގެ އުންމީދުގަ. އިދިކޮޅު ޓީމްގައި ހާސްވާ ވަރުގެ ކުޅުން ތެރިޔަކު ނެތް. އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ މާކްކުރުމުގެ ބޭނުމެއް ނެތް،" ގޯމޭޒް ބުންޏެވެ.