މީގެ ކުރީން ގިނައިން އަޑު އިވެނީ ކޮޕީ ރާގުގެ ލަވަތަކެވެ. ހިންދީ ފިލްމެއްގެ ކޮޕީ ރާގުތަކަށް ލަވަހެދުން ދިވެހި މިއުޒިކް އިންޑަސްޓްރީގައި އޭރު ވަނީ އާދަވެފައެވެ. ދިވެހި ފިލްމު ތަކުންވެސް ގިނައިން އިވޭނީ ކޮޕީ ރާގުތަކަށް ހަދާފައި ހުންނަ ލަވަތަކެވެ. ނަމަވެސް މިހާރަކަށް އައިސް ކޮޕީރާގުގެ ލަވަތައް މަދުވެ އަމިއްލަ ރާގުގެ ލަވަތައް ގިނަވާން ފަށާފިއެވެ. ހަމަ އެގޮތަށް ފިލްމު ތަކުންވެސް އަމިއްލަ ރާގުގެ ލަަވަ ފެންނަލެއް އިތުރުވެއްޖެއެވެ. ގިނަ ލަވަކިޔުންތެރިންވެސް ބޭނުންވަނީ މިހާރު އަމިއްލަ ރާގުގެ ލަވަތައް ކިޔާށެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި މުހައްމަދު ޒަލީފް އަބްދުﷲ ވެސް ބޭނުންވަނީ އަމިއްލަ ރާގުގެ ލަވަތައް، އޭނާގެ ލަވަތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ގެނެސްދޭށެވެ. ޒަލީފް ލޯބި ކުރަނީ ވެސް އަމިއްލަ ރާގުތަކަށެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައި ޒަލީފް ލަވައެއް ހުށަހަޅައިދެނީ---

"ސަން" އާ ވާހަކަ ދައްކަމުން ޒަލީފް ބުނީ، އޭނާ އަބަދުވެސް ލޯބި ކުރަނީ އަމިއްލަ ރާގުގެ ލަތަތަކަށް ކަމަށާއި އެ ކަހަލަ ލަވަތައް ތަކުރާރޮކޮށް ކިޔުން ވެސް އެއީ އޭނާއަށް މައްސަލައެއް ނޫން ކަމަށެވެ.

"އަސްލު މީހެއްގެ ކޮޕީ ރާގުތަކެއް ތަކުރާރުކޮށް ކިޔާކަށް ބޭނުމެއްނުވޭ. ބޭނުންވަނީ އަމިއްލަ ރާގުގެ ލަވަތައް، ވާނެ ގޮތަކީ އެ ވާނީ އަމިއްލަ ލަވަތަކަށް. އެހެންވީމަ އެ ކިއިދާނެ ތަކުރާރުކޮށްވެސް އޭރުން އޭގަ ނީންނާނެ މައްސަލައެއް،" ޒަލީފް ބުންޏެވެ.

ޒަލީފަކީ ކުޑައިރުއްސުރެ ވެސް މިއުޒިކަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އެގޮތުން އަތޮޅު ތައުލީމީ މަރުކަޒުތަކުގެ ލަވަ މުބާރާތްތަކުން އޭނާ ލަވަކިޔަން ފެށިއެވެ. ދެހާސް ދެވަނަ އަަހަރު އޭނާ ވަނީ ސްޓޭޖް މަތިން ލަވަ ކިޔުމުގެ ހުނަރު ދައްކަން ފަށާފައެވެ. ޖެހިޖެހިގެން ތިން އަހަރު ލަވަ ކިޔުމުގެ ހުނަރު މޮޅަށް ދައްކައި ރަން ވަނަ ހޯދިއެވެ.

ޒަލީފްގެ ލަވައެއް----

އެއަށްފަހު ދެން ބައިވެރިވާން ފެށީ މާލޭގެ ސްކޫލްތަކުގެ ލަވަ މުބާރާތްތަކުގައެވެ. އެގޮތުން ދެހާސް ފަސްވަނަ އަހަރު އިސްކަންދަރު ސްކޫލްގެ ލަވަ މުބާރާތުގައި ލަވަ ކިޔައި، ދެވަނަ ހޯދިއެވެ. އޭގެ ފަހުން ލަވަ ކިޔުމާ ދުރަށް ޖެހުނީއެވެ.

މިދިޔަ އަހަރުގެ އައިޑޮލް އަށް އެނބުރި ޒަލީފް އައީ އާއިލާގެ ރުހުމުގައެއް ނޫނެވެ. މަންމަ މެން ޒަލީފް ލަވަ ކިޔުމުން ކުރިޔަށްް ދާން ބޭނުން ނުވަނީއެވެ. ކުރިން ކުރެވިފައި ހުންނަ ތަޖުރިބާ ތަކުންނެވެ.

"އައިޑޮލް އަށް އައީ ފެމެލީއަށް ފިލައިގެން. މާލޭގެ އޮޑިޝަންގައި ބައިވެރިވީ ވެސް ނުބުނެ. އޭރުވެސް މަންމަމެން ބުނާނެ ހުއްޓާލާފަ އަންނާށޭ. އެކަމު އަޅުގަނޑަކީ ކުރަން ބޭނުންވާ ކަމެއް ފުރިހަމައަށް ކުރާނެ މީހެއް،" ޒަލީފް ބުންޏެވެ.

ޒަލީފް އާއި ލަހުފާ މިދިޔަ އަހަރުގެ އެހަނދާނުގައި ޝޯ ގައި ލަވަ ކިޔަނީ---

އައިޑޮލްގެ ގަދަ ފަހަކާ ހަމައިން އެ ދަތުރު ނިންމާލަން ޖެހުނު ޒަލީފް ބުނީ، އައިޑޮލްގައި ބައިވެރިވީ ލަވަ ކިޔޭކަން ދައްކަން ނޫން ކަމަށާއި ބޭނުންވީ އެތަކެއް އަހަރުފަހުންވެސް އޭނާގެ ލަވަ ކިޔުމުގެ ހުނަރު ދައްކާލަން ކަމަށެވެ.

"އަސްލު ބޭނުންވީ އެހާ ގިނަ ދުވަސް ވީއިރުވެސް ހުނަރު ހުރިކަން ދައްކަން. އެއްގޮތަކަށްވެސް ލަވަ ކިޔޭކަން އަންގާކަށް ނޫން. އޭރުވެސް އެނގޭ ލަވަ ކިޔޭނެކަން. ފަނޑުވެފައި އޮތް ޕޮޕިއުލަރިޓީ އަނެއްކާވެސް ދައްކާލަން ބޭނުންވީ،" ގދ ތިނަދުއަށް އުފަން ޒަލީފް ބުންޏެވެ.

އައިޑޮލްއަށް ފަހު ޒަލީފް ބޮޑަށް އިސްކަން ދެނީ ރިސޯޓް މިއުޒިކަށެވެ. ރިސޯޓްތަކުގެ ޝޯތަކުގައި ޒަލީފް އަންނަނީ ފޯރީގައި އޭނާގެ ހުނަރު ދައްކަމުންނެވެ. ގިނަ ފަހަރަށް ރިސޯޓް ތަކުގައި ޒަލީފް ވަރަށް 'ބިޒީ' ވެއެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަންގެ ޝަރަފުވެރި އެއްވަނަ ހާސިލްކުރި ލައިޝާ އާ އެއްކޮށް ޒަލީފް ލަވައެއް ހުށަހަޅަނީ---

ޒަލީފް ވެސް އައިޑޮލް އިން ވަކިވަމުން ބެލުންތެރިންނަށް ނުގެއްލޭނެ ކަމަށް ބުންޏެވެ. ނަމަވެސް އޭނާގެ ލަވަތަށް ފެންނަނީ މަދު ފަހަރެއްގައެވެ. ޒަލީފް ބުނަނީ ރިސޯޓް މިއުޒިކަށް މާ ބޮޑަށް ވެސް ޝައުގުވެރިކަން ހުންނަނީ ކަމަށެވެ.

"އަސްލު މިހެން ހުންނަ ލަވަތަކަށް ވުރެ ރިސޯޓް ގަ މިއުޒިކް ކުޅޭ ހިތްވޭ. ޓްރެވެލް ކޮށްފަ. އަދި އިނގިރޭސި ލަވަ ކިޔަން ވަރަށް ގިނައިން ރިސޯޓް ތަކުގަ،" ޒަލީފް ބުންޏެވެ.

ޒަލީގް ފޭނުންނަށް އޮތީ އުފާވެރި ހަބަރެކެވެ. މިއަހަރު އޭނާގެ ހަތަރު ލަވައެއް ފެންނާނެ ކަމަށް ޒަލީފް ބުންޏެވެ. ޒަލީފް ބޭނުންވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ބެލުންތެރިންނަށް ދައްކާށެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައި ޒަލީފް ލަވައެއް ހުށަހަޅައިދެނީ---

" ލަވަ ތަކެއް ހަދަން މިއުޅެނީ. އަމިއްލަ ރާގުގެ. އެކަމު މިދުވަސްކޮޅު ރިސޯޓް ތަކުގަ މާ ބިޒީ ވީމަ އެއްކޮށް ވަގުތު ހުސް ނުކުރެވޭ އެކަމަށް. މަސައްކަތެއް ނިންމާ އިރު އެކަން ނިންމަން ވާނީ ވަރަށް ފުރިހަމަ އަށް. ތާކުން ތާކުން ޖެހޭ ރަނގަޅު ފެންވަރެއްގެ މަސައްކަތެއް ދައްކަން ވާނީ،" ޒަލީފް ބުންޏެވެ.

އޭނަ ބުނީ، ކުރިޔަށް އަންނަން އޮތް ލަވަތަކަކީ ވެސް ބެލުންތެރިންނަށް ކަމުދާނެ ފަދަ ލަވަތަކެއް ހެދުމަށް ވަރަށް މަސައްކަތްކުރާނެ ކަމަށެވެ. ޒަލީފް ނުގެއްލެއެވެ. ލަވަަތައް ވެސް ކުރިޔަށް ހުރީއެވެ. އިންތިޒާރުކޮށްލާށެވެ.