14 Apr 2017, 00:43
އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އަފްގާނިސްތާނުގައި އުޅޭ ކަމަށް ބެލެވޭ ސަރަހައްދަކަށް އެމެރިކާގެ އަސްކަރިއްޔާއިން 10 ޓަނުގެ މާސިންގާ ބޮމެއް މިރޭ ވައްޓާލައިފިއެވެ.
މިއީ އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުކޮށްފައިވާ އެންމެ ބޮޑު ބޮމެވެ. އަދި މިއީ ދުނިޔޭގައި މިހާތަނަށް ބޭނުންކުރެވުނު، ސައިޒުން އެންމެ ބޮޑު ބޮމެވެ. މިއީ ނިއުކްލިއާ ހަކަތަ ބޭނުންކުރާ ބޮމެއް ނޫނެވެ.
މެސިވް އޯޑްނަންސް އެއާ ބްލާސްޓް (އެމްއޯއޭބީ)ގެ ނަމުން ނަން ދީފައިވާ މި ބޮމުގެ ދިގުމިނުގައި ނުވަ މީޓަރު، އަދި ޑައިމީޓަރުގައި 40 އިންޗި ހުންނަ އިރު، އޭގެ ބަރުމިނުގައި 10.3 ޓަނު ހުރެއެވެ. މި ބޮމަށް ނުރަސްމީކޮށް އެމެރިކާ އަސްކަރިއްޔާއިން ކިޔައި އުޅެނީ "މަދަރ އޮފް އޯލް ބޮމްބްސް" ނުވަތަ "ހުރިހާ ބޮން ތަކުގެ މަންމަ"އެވެ.
މި ބޮމުގެ އަސަރުތައް ވެސް ވަރަށް ބޮޑެވެ. ބޮން ވައްޓާލާ ތަނުގެ ވަށައިގެން 900 މީޓަރުގައި ހިމެނޭ ހުރިހާ އެއްޗެއް މުޅިން ސުންނާފަތިވެގެން ދާ އިރު، އެއް މޭލުގެ ސަރަހައްދުގައި ހުންނަ އިމާރާތްތަކާއި އުޅަނދުފަހަރުވެއްޓި، މީހުން މަރުވެއެވެ. ބޮން ވައްޓާލާ ސަރަހައްދުގެ ވަށައިގެން ތިން ކިލޯމީޓަރު ދުރު ސަރަހައްދުތަކަށް، ބޮމުގެ ޝޮކު ވޭވުގެ ސަބަބުން މީހުން މަރުވުމާއި، އިމާރާތްތަކަށް އަސަރު ކުރާ އިރު، ބޮމުގެ އަޑުގެ ސަބަބުން ދެ މޭލުގެ ސަރަހައްދުގައި ތިބޭ މީހުންގެ ކަންފަތް ބީރުވުން ހިމެނެ އެވެ. އަދި މި ބޮމާ ގުޅިގެން އުފެދޭ މާސިންގާ ދުންގަނޑުތިން ކިލޯމީޓަރު އުހަށް އަރައެވެ.
އެމެރިކާ ސަރުކާރުގެ ފަރާތުން ވައިޓްހައުސްގެ ތަރުޖަމާނު ޝޯން ސްޕެންސާ މިރޭ ވިދާޅުވީ، މިރޭ އަފްގާނިސްތާނު ގަޑިން 7:30 ހާ އިރު، މި މާސިންގާ ބޮން އަފްގާނިސްތާހުގެ ނަންގަހާރު ޕްރޮވިންސްގެ ސަރަހައްދަކަށް ވައްޓާލާފައިވާ ކަމަށެވެ. ބޮން އަމާޒުކޮށްފައި ވަނީ ނަންގަހާރު ޕްރޮވިންސްގެ އާޗިން ނަމަކަށް ކިޔާ އަވަށެއްގައި، އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ބޭނުންކުރާ ހޮހޮޅައަކާއި ބިމު އަޑީގެ މަގުތަކެއް ހިމެނޭ ކޮމްޕްލެކްސްއަކަށް ކަމަށް ތަރުޖަމާނު ޝޯން ސްޕެންސާ ވިދާޅުވިއެވެ.
ނަންގަހާރުގެ އާޗިން އަވަށަކީ އަފްގާނިސްތާނުގައި އައިއެސް ޖަމާއަތުގެ މީހުން ހަރަކާތްތެރިވެ، އެ ޖަމާޢަތުގެ ހަރަކާތްތައް ކުރިޔަށް ގެންދާ މައި ސަރަހައްދެވެ.
ތަރުޖަމާނު ސްޕެންސާ ވިދާޅުވީ ބިމު އަޑީގެ މަގުތަކުގެ އެ ނިޒާމަކީ އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިން ބޭނުން ގޮތަކަށް ބޭނުން ތަނަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދޭ މަގުތަކެއް ކަމަށެވެ.
"އައިއެސް ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމަ އެމެރިކާއިން ވަރަށް ސީރިއަސްކޮށް ނަގަން. މި ޖަމާޢަތް ނެތިކޮށްލުމަށްޓަކައި ކުރަންޖެހޭ ކަމަކީ، އެ ޖަމާއަތް ހިންގުމަށް ބޭނުންކުރާ ވަސީލަތްތައް ނެތިކޮށްލުން،"
މި ބޮޑު ބޮމަކީ 2003 ވަނަ އަހަރު އިރާގު ހަނގުރާމައިގެ ދުވަސްވަރު އުފެއްދި ބޮމެކެވެ. އެ ދުވަސްވަރު މި ބޮން ޓެސްޓު ވެސް ކުރި ނަމަވެސް، ހަނގުރާމައިގެ މައިދާނެއްގައި މިހާތަނަށް މި ބޮން ބޭނުންކޮށްފައެއް ނުވެއެވެ.
އެމެރިކާއިން ބުނީ މި ބޮން މިރޭ ބޭނުންކުރި އިރު، އެ ސަރަހައްދުގައި އުޅޭ އާންމު ރައްޔިތުންނަށް ގެއްލުމެއް ނުވާނެ ހުރިހާ ފިޔަވަޅެއް އަޅާފައި ވާނެ ކަމަށެވެ.
އަދި މި ބޮޑު ހަމަލާގައި އެސަރަހައްދަށް ލިބުނު ގެއްލުންތަކާއި މަރުވި މީހުން އެސެސްކޮށް، ބަލަމުންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.