ޓެކްސްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ނިމިދިޔަ މާޗު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ލިބުނު އާމްދަނީގެ އަދަދު 1.3 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ.

މީރާއިން އާންމުކުރި މާޗު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެ މަހު އާމްދަނީގެ ގޮތުގައި ލިބުނު 1.3 ބިލިޔަން ރުފިޔާއަކީ އަންދާޒާކުރި މިންވަރަށް ވުރެ 3.3 ޕަސަންޓު ދަށް އަދަދެކެވެ. ނަމަވެސް މިއީ 2016 ގެ މާޗު މަހާ އަޅާ ބަލާއިރު 19 ޕަސަންޓު އިތުރު އަދަދެއްކަން ފާހަގަ ކުރެވެއެވެ.

ހިސާބުތައް ދައްކާ ގޮތުގައި ޓެކްސް ރެވެނިއުގެ ގޮތުގައި މާޗު މަހު މީރާއަށް 885.7 މިލިޔަން ރުފިޔާގެ އާމްދަނީ ލިބިފައިވެއެވެ. އޭގެ ތެރޭގައި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 73.3 މިލިޔަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 60.8 މިލިޔަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 70.4 މިލިޔަން ރުފިޔާ، އަދި ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބުނު 10.4 މިލިޔަން ރުފިޔާ ހިމެނެއެވެ. ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީއެވެ. އެއީ އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 218.9 މިލިޔަން ރުފިޔާއާއި ޓުއަރިޒަމް ޖީއެސްޓީގެ ގޮތުގައި ލިބުނު 446.9 މިލިޔަން ރުފިޔާއާ އެކު، ޖުމްލަ 665.9 މިލިޔަން ރުފިޔާއެވެ.

ފީ، ޖޫރިމަނާ އަދި އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީއަށް ބަލާއިރު، ޖޫރިމަނާގެ ގޮތުގައި 26.4 މިލިޔަން ރުފިޔާ، ބިމުގެ އެކުއިޒިޝަން ފީގެ ގޮތުގައި 65.6 މިލިޔަން ރުފިޔާ، ފަތުރުވެރިކަމުގެ ދާއިރާއިން ބިމު ކުލީގެ ގޮތުގައި 275 މިލިޔަން ޑޮލަރު އަދި ފަތުރުވެރިކަން ނޫން ދާއިރާތަކުން ޕްރޮޕަޓީ އިންކަމްގެ ގޮތުގައި ލިބުނު 12 މިލިޔަން ރުފިޔާ ހިމެނެއެވެ. ފީ އާއި ޖޫރިމަނާ އަދި އެހެނިހެން ޗާޖުގެ ގޮތުގައި މާޗު މަހު ޖުމްލަ 435.3 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މީރާއިން ފާހަގަކުރާ ގޮތުގައި މާޗު މަހު އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ ޖީއެސްޓީ، އެއާޕޯޓު ސާވިސް ޗާޖު، ރެމިޓެންސް ޓެކްސް އަދި ބިމުގެ އެކުއިޒިޝަނާއި ކޮންވާޝަން ފީއިންނެވެ.

މީރާއަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 4.5 ބިލިޔަން ރުފިޔއެވެ.