13 Apr 2017, 19:17
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ޝުބްރަމަންޔަމް ޖައިޝަންކަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި އެ ބައްދަލުވުމުގައި އެކި ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުންތަކާ ބެހޭ ގޮތުން ރައީސް ޔާމީނާއި އިންޑީއާގެ ފޮރިން ސެކްރެޓަރީ ވާހަކަފުޅު ދެއްކެވި އެވެ.
ެރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކާ ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް އެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނީ އިގްތިސާދީ ގޮތުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް، އިގްތިސާދީ ތަރައްގީއަށް ދެ ގައުމުން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި ކަމަށެވެ.
އިންޑިއާގެ ފޮރިން ސެކަރެޓަރީ ޝުބްރަންޔަމް ރާއްޖެ ވަޑައިގެންނެވުމަކީ ރާއްޖެ އާއި އިންޑިއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކަށް ތަންފީޒުވުމަށް އެޅޭނެ ބާރެއް ކަމަށް ވެސް އެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.
އެ ބައްދަލު ކުރެއްވުމުގައި ޝުބްރަމަންޔަމް ވަނީ ރައީސް ޔާމީނާ ބައްދަލުވުމަކީ ލިބޭ އުފަލެއް ކަމަށް ވިދާޅުވެ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތަހުނިޔާ ރައީސް ޔާމީނަށް ދަންނަވާފަ އެވެ. ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ޝުބްރަމަންޔަމް ރައީސް ޔާމީނަށް ދެއްވި އެވެ.
އެ ބައްދަލު ކުރެއްވުމުގައި ރާއްޖޭގައި ހުރި އިގްތިސާދީ އިންވެސްޓުމަންތަކުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް އިންޑިއާގެ ފޮރިން ސެކަރެޓަރީ ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެބޭފުޅުން ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެ އެވެ.
ރައީސް ޔާމީނާއެކު ބޭއްވި ބައްދަލުވުމަށްފަހު ޝުބްރަމަންޔަމް ވަނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާ ވެސް ބައްދަލު ކުރައްވާފަ އެވެ.
އިއްޔެ ރާއްޖެ ވަޑައިގެންނެވި ޝުބްރަމަންޔަމް މިއަދު ހަވީރު ވަނީ ފުރައިވަޑައިގެންފަ އެވެ. މިއީ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެކެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅުގައި ވެސް ޝުބްރަމަންޔަމް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ޝުބްރަމަންޔަމް މިފަހަރު ރާއްޖެ ވަޑައިގެންނެވިއިރު، ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް އިދިކޮޅު ހުރިހާ ލީޑަރުން ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތްޕުޅު ފައްޓަވާފަ އެވެ.