06 Jul 2011, 17:23
އެސްއެމްއެސް ފޮނުވައިގެން ރޭ ކުއްލި ގޮތަކަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމެޓީތަކަށް މެންބަރުން ބެހުމަށް ވޯޓަށް އަހާފައި ވަނީ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން އެއްބަސްވި ގޮތާ ހިލާފަށް ކަމަށް ގައުމީ ޕާޓީގެ ފަރާތުން ކޮމެޓީތަކަށް މެންބަރު ބެހުމުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝިދު މިއަދު ވިދާޅުވެއްޖެ އެވެ.
ދި ޓީވީގައި މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވީ އިއްޔެ ހަވީރު މަޖިލީހުގައި ބޭއްވި ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ ބައްދަލުވުމުގައި އިގްތިސާދީ ކޮމެޓީ އަށް މިނިވަން މެންބަރެއްގެ ގޮތުގައި ހަމަޖެއްސުމަށް، ލީޑަރުން ނިންމަވާފައި ވާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށެވެ. ނަމަވެސް ރޭގެ ޖަލްސާގައި ވޯޓަށް އެހި އިރު އިގްތިސާދީ ކޮމެޓީން ސިޔާމްގެ ނަން އުނިކޮށް އެ ގޮނޑިއަށް ލައްވާފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުހަމީދު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެގޮތަށް ކޮށްފައި ވަނީ އެމްޑީޕީން ބޭނުންވާ ގޮތަށް ކަމަށް ވެސް ރިޔާޒް ތުހުމަތު ކުރެއްވި އެވެ.
"ސިޔާމް އެ ކޮމެޓީގައި ހިމެނުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން އޮންނާނީ އެއްބަސްވެފައި. ނަމަވެސް ވޯޓަށް އެހުމާ ދޭތެރޭގައި އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވުނީ އިގްތިސާދީ ކޮމެޓީގައި އޮތް ސިޔާމްގެ ނަން ވެސް ބަދަލު ކުރުމަށް ފަހުގައި އެ ސްލޮޓް އެހެން ފަރާތަކަށް ދީފައި އޮތް ކަން. އެވެސް އެމްޑީޕީން ބޭނުންވާ ގޮތަށް ކުރިކަމެއްކަން އެނގުނީ،" ރިޔާޒް ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އިގްތިސާދީ ކޮމެޓީ އަށް އިސްމާއިލް އަބްދުލްހަމީދުގެ ނަން ގެނެސް ވޯޓަށް އަހާފައި ވަނީ ޕާލަމެންޓަރީ ގްރޫޕްތަކުގެ ލީޑަރުން އެއްބަސްވި ގޮތަށް ކަމަށެވެ. އަދި ލީޑަރުން އެއްބަސްވެ އެކުލަވާލައިފައިވާ ލިސްޓަށް މަޖިލީހުގެ ސެކްރެޓޭރިއެޓުން ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ވެސް އަމީންއާންމު ވިދާޅުވި އެވެ.
"އިއްޔެ ލީޑަރުން އެއްބަސްވި ގޮތަށް، އަދި އަޅުގަނޑުމެންނަށް ލިސްޓް އައި ގޮތަށް އެކަންކޮށްފައި އެ އޮތީ. ސެކަރެޓޭރިއެޓުން އެއަށް އެއްވެސް ބަދަލެއް ނުގެންނަން،" އަމީން އާންމު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު )އިބޫ( ވިދާޅުވީ އިގްތިސާދީ ކޮމެޓީގައި ތިއްބެވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދެ މެންބަރުންނަކީ އިސްމާއިލް އަބްދުހަމީދާއި ސިޔާމް ކަމަށެވެ. ނަމަވެސް ކޮމެޓީގައި ހިމެނޭ 11 ގޮނޑީގެ ތެރެއިން އެމްޑީޕީ އަށާއި ޑީއާރްޕީން ކުރެ ކޮންމެ ޕާޓީއަކަށް ފަސް ގޮނޑި ލިބޭ އިރު، ބާކީ ހިމެނޭ ހަމައެކަނި ގޮނޑި މިނިވަން ދެ މެންބަރުންގެ ތެރެއިން މެންބަރަކަށް ދިނުމަށްޓަކައި އެ ދެ ބޭފުޅުންނަށް ގުޅަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އިސްމާއިލް އަބްދުހަމީދަށް ގުޅުނު ނަމަވެސް ސިޔާމާ ނުގުޅުމުން އިގްތިސާދީ ކޮމެޓީގެ ގޮނޑި އިސްމާއިލް އަބްދުހަމީދަށް ދިނުމަށް ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން ނިންމެވީ ކަމަށެވެ.
އިސްމާއިލް އަބްދުހަމީދު މިއަދު ވިދާޅުވީ އިގްތިސާދީ ކޮމެޓީއަކީ އޭނާ ކުރިން ވެސް އިންނެވި ކޮމެޓީ ކަމަށާއި ނަމަވެސް ސިޔާމް އެ ކޮމެޓީގައި ހިމެނިވަޑައިގަތުމަށް ބޭނުންފުޅުވާ ނަމަ އެ ގޮނޑި ދޫކޮށްލައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާމް މިވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގައި ކަމަށާއި އޭނާ މާލެ ވަޑައިގެންހާ އަވަހަކަށް މަޖިލީހުގެ ރައީސްއާ މަޝްވަރާކުރެއްވުމަށް ފަހު އެ މައްސަލަ ނިންމަވާނެ ކަމަށެވެ.
"ސިޔާމް ބޭނުންފުޅިއްޔާ އަޅުގަނޑު މިހިރީ ކޮމެޓީގެ ގޮނޑި ދޫކޮށްލަން. ސިޔާމް މާލެ ވަޑައިގަތުމާ އެކު އެކަން ކުރުމުގެ މަސައްކަތް ދާނެ ކަމަށް މިބަލަނީ." އިސްމާއިލް އަބްދުލްހަމީދު ވިދާޅުވި އެވެ.