14 Apr 2017, 10:27
ދިވެހި ފިލްމު ތަކުން އަބަދު އެއް މޫނުތަކެއް ފެންނަ ވާހަކަ ބައެއް މީހުން ވަރަށް ގިނައިން ދައްކައެވެ. ފަހަރެއްގައި އަބަދު އެއް ތަރިން ތަކެއް ފިލްމު ތަކުން ފެންނާތީ ފިލްމު ބަލަން ފޫހިވަނީ އެވެ. ނަމަވެސް މިހާރަކަށް އައިސް އުފައްދާ ފިލްމުތަކުން ކޮންމެވެސް ވަރަކަށް އާ މޫނުތައް ފެންނާން ފަށައިފިއެވެ. ފިލްމު ތައް ގިނަވެ އިންޑަސްޓްރީ އާރޯވާން ފަށާފިއެވެ. އާތަރިން ވެސް ފިލްމުތަކުން ފެންނަން ފަަށައިފިއެވެ. ހުނަރުވެރިން ގިނަވާން ފެށީއެވެ.

"ނޯޓީ 40" އިން ފެނިގެންދާ ގުލީ--- ފޮޓޯ: ނޯޓީ 40
މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގް ޕްރޮޑިއުސްކޮށް މިދިޔަ އަހަރު ރިލީޒް ކުރި ކޮމެޑީ ފިލްމު، "ބައިވެރިޔާ"އަށް ފަހު އެ ދެމީހުން އެއްކޮށް އަނެއްކާވެސް މިވަނީ ވަރުގަދަ މަސައްކަތެއް ފަށައިފައެވެ. މިފަހަރު ބެލުންތެރިން ހެއްވާލާނީ "ނޯޓީ 40" އިންނެވެ. ފިލްމަކީ ވަރުގަދަ ފިލްމަކަށް ވާނެކަން، ކާސްޓުންނަށް ބަލާލިކަމުގައިވިޔަސް އެނގެއެވެ. ފިލްމީ ދާއިރާގެ ތަޖުރިބާ ހުރި ތަރިންނާއި މުޅިން އަލަށް ނުކުންނަ ތަރިންނާ އެކު ބޮޑު ކާސްޓެއް ފިލްމުން ފެނިގެން ދެއެވެ. އެގޮތުން ފިލްމުން ފެނިގެންދާ އާ މޫނެއް ކަމަށްވާ ގުލިސްތާން މުހައްމަދު (ގުލީ) އަށް "ނޯޓީ 40" އިން ކުރެވުނު ތަޖުރިބާ އަށް ބަލައިލަމާ ހިނގާށެވެ.
"ސަން" އަށް ދިން ހާއްސަ އިންޓަވިއު އެއްގައި ގުލީ ބުނީ އެ ފިލްމަކީ އޭނާގެ ފުރަތަމަ ފިލްމަށް ވެފައި ކުރެވުނީ ވަރަށް ފޮނި ތަޖުރިބާއެއް ކަމަށެވެ. އޭނާ ބުނީ، ފުންނާބު އުސް ތަރިންނާ އެކު ފިލްމެއްގައި މަސައްކަތް ކޮށްލުމުން ވަރަށް ހިތްހަމަޖެހުނު ކަމަށާއި އެ ތަރިންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބުނު ކަމަށެވެ.

"ނޯޓީ 40" އިން ފެނިގެންދާ ގުލީ އަދި އަޒޫ---ފޮޓޯ: ނޯޓީ 40
" ވަރަށް ސަޅި އެކްސްޕީރިއެންސެއް މީ. ފުރަތަމަ ފިލްމު ވީމަ އެންމެން ވެސް ވަރަށް ހެލްޕްވި. ވަރަށް ބެސްޓް ޓީމެއް އެއީ. ފުރަތަމަ ފިލްމަށް ވިޔަސް ގުލީގެ ބެސްޓް ދެއްކިން،" ގުލީ ބުންޏެވެ.
ގުލީ ބުނީ، "ނޯޓީ 40" ގައި އެކްޓް ކުރުމުގެ ފުރުސަތު ލިބުނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ފަރާތުން ކަމަށެވެ. އަދި ޔޫއްޕެ އަކީ ވަރަށް ކުރިންވެސް ރަހުމަތްރިއެއް ކަމަށާއި އެ ފިލްމުގެ ވާހަކަ ލިޔަމުން ވެސް ޔޫއްޕެ ގުޅާފައި ފިލްމުގައި އެކްޓް ކުރަން އެދުނު ކަމަށް ގުލީ ބުންޏެވެ.
"ޔޫއްޕެ ގުޅާފަ ބުނި ގުލީ އަށް އެކްޓް ކޮށްލެވޭނެހޭ. ދެން ބުނިން ކުރެވިދާނެއޭ. ދެން ޔޫއްޕެ ވާހަކަ ލިޔުން އިރު ގުލީ އަށް ބައެއް ހިމަނައިގެން ލިޔެފަ އިނީ،" ގުލީ ކިޔައިދިނެވެ.
ށ. މިލަންދޫގައި ފިލްމުގެ 90 ޕަސެންޓް ޝޫޓް ކޮށްފައިވާ "ނޯޓީ 40" އާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން ގުލީ ބުނީ، ފިލްމު ކުޅެން ޔުއްޕެ ފުރުސަތެއް ދިނުމުން އެއްވެސް ވަރަކަށް އެހާ ބޮޑު ރޯލެއް ދޭނެ ކަމަކަށް އުންމީދެއް ނުކުރާކަމަށެވެ. އަދި ސްކްރިޕްޓް ކިޔާލަން ލިބުމުން ދެން ފެންނަ އެހެން ތަރިންނެކޭ އެއްވަރުގެ ބޮޑު ރޯލެއް ދީފައިވާކަން އެނގުނު ކަމަށެެވެ.
ގުލީ ބުނީ، ފުރަތަމަ ފިލްމަށް ވީކަމުގައިވިޔަސް "ނޯޓީ 40" އިން ފެނިގެންދާ އެހެން ތަޖުރިބާކާރު ތަރިންނާ އެއް ފެންވަރަށް އެކްޓް ކުރަން މަސައްކަތް ކުރެވުނު ކަމަށެވެ.

"ނޯޓީ 40" ގެ ބައެއް ތަރިންނާ އެކު ގުލީ--- ފޮޓޯ: ނޯޓީ 40
"އަސްލު ހީކުރީ ވަރަށް ސިންޕަލް ރޯލެއް ކަމަށް އިންނާނީ އަލަށް ފިލްމެއް ކުޅޭތީ. ދެން އެކަމު ވެސް ޔުއްޕެ ބޭނުންވާ ވަރަށް އެކްޓް ކޮށްފަ ހުންނާނީ އެ ފިލްމުގަ. އަސްލު ވަރަށް އުފާވި ތަޖުރިބާކާރު ތަރިންނާ އަދި އަހަރުގެ އެންމެ ވަރުގަދަ ފިލްމު ގޮތުގަ ޕްރޮމޯޓް ކުރާ ފިލްމުގަ އެކްޓް ކޮށްލަން ލިބުނީމަ. ފިލްމު ބަލާލީމަ އިނގޭނެ ފުންނާބު އުސް ތަރިންނާ އެއްފެންވަރަކަށް މަސައްކަތް ކުރެވުނުކަން،" ގުލީ ބުންޏެވެ.
ޖުމްލަ ފަސް ލަވަ ހިމެނޭ ކޮމެޑީގެ އިތުރުން އެހެނިހެން ރަހަތައް ހިމެނޭ "ނޯޓީ 40" އިން ގުލީ ފެނިގެންދާނީ ވަރަށް ރުންކުރު، ރުޅިގަދަ އަދި ދިރިއުޅުމުގައި ބަލި ގަބޫލު ނުކުރާ މީހެއްގެ ރޯލަކުންނެވެ. އެއްގޮތުން ކާމިޔާބު ނުވިއްޔާ އަނެއް ގޮތަކުންވެސް ބޭނުންވާ ކަންތައް ކުރާ ހަރުކަށި ބޮޑުދައިތައެއްގެ ރޯލުން ގުލީ ފެންނަ އިރު އެ ފިލްމުގަ ގުލީ ފެންނަ ގިނަ މަންޒަރުތަކުގައި އޭނާގެ ކޯ އެކްޓަރުންގެ ގޮތުގައި ފެންނާނީ ފާތިމަތު އާޒިފާ (އަޒޫ) އާއި އިބްރާހިމް ޖިހާދް (ޖިމީ) އަދި މުހައްމަދު ރިޝްފާންގެ އިތުރުން ލިއާއު އާދަމް (އެލްޖޭ) ފަދަ ތަރިންނެވެ.
"ނޯޓީ 40" ގެ ފުރަތަމަ ޓީޒާ---
ގުލީ ބުނީ، ފިލްމު ކުޅުމަކީ ކުރިން ކޮށްފައި ނުވާ ތަޖުރިބާ އަކަށް ވާތީ ސްކްރިޕްޓްގައި އިންނަ ޑައިލޮގް ކިޔަން ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް ފިލްމުގައި އެކްޓް ކުރި ހުރިހާ ތަރިންގެ އެއްބާރުލުމާ އެކު ވަރަށް އަވަހަށް ފިލްމުގެ ކުރޫގެ ތެރެއަށް ހޭނުނު ކަމަށެވެ. އޭނާ ބުނީ އިތުރު އުނދަގޫ ތަކެއް ކުރިމަތި ނުވާ ކަމަށެވެ.
" ފުރަތަމަ ހިތަށްއެރި ގުލީއަށް އެކްޓް ކޮށްލެވިދާނެބާއޭ. ފިރިމީހާގެ އެއްބާރަލުން ވަރަށް ބޮޑު. ހަމަ އެގޮތަށް މި ފިލްމުގަ މުހިއްމު ރޯލަކުން ފެންނަ އަޒޫ ފާހަގަކޮށްލާނަން. އަޒޫ ހަމަ ބުނެދޭނެ މިވެނި ސީން އެއްގަ މިހެން ހަދާށޭ. އަޒޫ ބުނާނެ ހަމަ ގުލީއަށް ވާނޭ. ހިރްވަރު ކޮށްލާށޭ ބުނެ ވަރަށް އެހީވާނެ. ދެން ރަށުގަ ޝޫޓް ކުރި ފިލްމެއްމީ. އެކަމު ގިނަ މީހުންނަށް ނޭނގޭނެ ފިލްމުގަ އެކްޓް ކުރާ ކަމެއް. އެނގުނީމަ އެންމެން ވެސް ވަރަށް އެއްބާރުލުން ދިން ކުރިޔަށްދާން. ދެން ނޯޓީ 40 ޓީމުގެ އެންމެންވެސް ވަރަށް ސަޕޯޓް ދިން. އަޅުގަނޑުގެ ދެ ދަރިންވެސް އެއްބާރުލުންދޭ،" އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ފްރޮޑަކްޝް ގުޅިގެން ޔޫއްޕެ ޑައިރެކްޓް ކުރާ ފިލްމާ ގުޅޭ ގޮތުން ގުލީ ބުންޏެވެ.

"ނޯޓީ 40" އިން ފެނިގެންދާ ބައެއް ތަރިންނާ އެކު ގުލީ--- ފޮޓޯ: ނޯޓީ 40
"ނޯޓީ 40" ގައި ގުލީ ދެއްކި ހުނަރަށް ފިލްމުގެ ޕްރޮޑިއުސަރު ޝަފީގުވެސް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އޭނާ ބުނީ ފިލްމު އެއްކޮށް ބަލާފައި ގުލީ އަކީ މުޅިން އަލަށް ފިލްމެއް ކުޅުނު ކުއްޖެކޭ ބުނަން ދަތިވާނެ ކަމަށެވެ.
" ޔޫއްޕެ މި ފިލްމަށް ކާސްޓުން ނެގި އިރު އެނގޭ ވަރަށް ބޮޑަށް ވިސްނާފަކަން ރޯލް ހަވާލުކުރާނީ. ގުލީއަށް ވެސް އެބަހުރި ވަރަށް މަސައްކަތް ކުރެވިފަ. ވަރަށް މޮޅު އޭނަގެ އެކްޓިން. ފިލްމު ބަލާފަ ނުބުނާނެ އަލަށް އެކްޓް ކޮށްފަ ހުރި މީހެކޭ. ވަރަށް ހިތްހަމަ ޖެހިފަ މިހުރީ،" ޝަފީގް ބުންޏެވެ.

"ނޯޓީ 40" އިން ފެނިގެންދާ ބައެއް ތަރިންނާ އެކު ގުލީ--- ފޮޓޯ: ނޯޓީ 40
ކޮންމެއަކަސް "ނޯޓީ 40" އަށްފަހު ގުލީ ގެއްލިގެންނެއް ނުދާނެއެވެ. ގުލީ ހުރީ ފިލްމު ކުޅެން ތައްޔާރަށެވެ. ފިލްމު ތަކުން ފުރުސަތު ލިބުނު ވަރަކުން އޭނާގެ ހުނަރު ދައްކަން އަޒުމް ކަނޑައަޅައިގެން ހުރި އިރު ހިތާމަ ވެރި ރޯލުތައް ވަރަށް މޮޅަށް ކުޅެވޭނެ ކަމަށް ގުލީ ބުންޏެވެ.
ބޮޑު ކާސްޓަކާ އެކު ހަދާ، ވަރުގަދަ ފިލްމު "ނޯޓީ 40"ގެ ހުރިހާ މަަސައްކަތެއް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އޯގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ. ގުލީގެ މޮޅު ހުނަރު ބަލައިލާން ތައްޔާރަށް ތިބޭށެވެ.