13 Apr 2017, 18:26
ޔޫރަޕްގެ ކްލަބު ފުޓްބޯޅަ މުބާރާތްތަކުގައި ފުރަތަމަ ފަހަރަށް 100 ލަނޑު ހަމަކުރި ކުޅުންތެރިޔާގެ ޝަރަފާއެކު ރެއާލް މެޑްރިޑްގެ ޕޯޗްގަލް ތަރި ކްރިސްޓީއާނޯ ރޮނާޑޯ ފުޓްބޯޅައިގެ ތާރީޚުން އަނެއްކާވެސް އާ ސަފްޙާއެއް ހުޅުވާލައިިފިއެވެ.
ޔުއެފާ ކްލަބު ކޮމްޕެޓިޝަންތަކުގައި އެންމެ ފުރަތަމަ 100 ލަނޑު ހަމަކުރި ކުޅުންތެރިޔާގެ ޝަރަފް ރޮނާލްޑޯ ހޯދީ، ބުދަދުވަހުގެ ރޭ، ބަޔާން މިއުނިކާ ދެކޮޅަށް ރެއާލް ކުޅުނު ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްގެންނެވެ. އެ މެޗުން ރެއާލް މޮޅުވީ، 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
ރޮނާލްޑޯ އެންމެ ފުރަތަމަ ޔޫރަޕްގެ ކްލަބު މުބާރާތެއްގައި ލަނޑު ޖަހާފައި ވަނީ، 9 އޯގަސްޓް 2005ގައި ޑެބްރެސެންއާ ދެކޮޅަށް ކުޅެ 3-0 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައެވެ. އޭގެ 11 އަހަރާ 8 މަސް ދުވަސް ފަހުން އޭނާ 100 ލަނޑު ހަމަކުރީ، ބަޔާން މިއުނިކް ލަނޑެއް ކާމިޔާބުކޮށްފައި ވަނިކޮށް، ފަހަތުން އަރައި ރެއާލް މޮޅުވި މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްގެންނެވެ.
ރޮނާލްޑޯ ވަނީ، އޭޕްރީލް 2013ގައި ގަލަތަސަރާއީ ކޮޅަށް ދެލަނޑު ޖަހައި، 50 ލަނޑު ހަމަކޮށްފައެވެ. ރޮނާލްޑޯ އޭނާގެ ފުރަތަމަ 50 ލަނޑު ހަމަކުރީ، ސްޕޯޓިން އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޖުމުލަ 96 މެޗަށް ފަހުއެވެ. އަދި ފަހު 50 ލަނޑު ހަމަކޮށްފައި ވަނީ 48 މެޗުންނެވެ.
ޔޫރަޕިއަން ކްލަބު މުބާރާތްތަކުގައި އެންމެ ގިނަ ލަނޑު ޖެހި 5 ކުޅުންތެރީން
- ކްރިސްޓިއާނޯ ރޮނާލްޑޯ - 100 ގޯލް (143 މެޗް)
- ލިއޮނަލް މެސީ- 97 ގޯލް (118 މެޗު)
- ރައުލް ގޮންޒާލޭޒް 76 ގޯލް (158 މެޗު) - ރިޓަޔާޑް
- ފިލިޕޯ އިންޒާގީ 70 ގޯލު (114 މެޗު) - ރިޓަޔާޑް
- އަންދްރޭ ޝެވްޗެންކޯ 67 ގޯލް (142 މެޗު) - ރިޓަޔާޑް
ލަނޑުގެ ތަފާސްހިސާބު ނަގާފައި ވަނީ، ޔޫރަޕިއަން ކަޕް (ޗެމްޕިއަންސް ލީގު ހިމެނޭގޮތަށް)، ޔުއެފާ ކަޕް/ޔުއެފާ ޔޫރޮޕާ ލީގު، ޔުއެފާ ސުޕަރކަޕް އަދި ޔުއެފާ އިންޓަރޓޯޓޯ ކަޕް ހިމަނައިގެންނެވެ.
ޔޫރަޕް ކްލަބް ފުޓްބޯޅައިގައި ލަނޑުގެ ސެންޗަރީ ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދުމަށް ފަހު ރޮނާލްޑޯ ބުނީ، އެކާމިޔާބީއާ މެޗު ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އަދި އޭނާގެ ސަޕޯޓަރުން އޭނާގެ ހުނަރާއި ގާބިލްކަމާމެދު ސުވާލު ނޫފައްދާނޭ ކަަން ޔަގީންކުރާ ކަމަށެވެ.
މިހާރު ރޮނާލްޑޯ މިސްރާބު ޖަހާފައި ހުރީ، ޔޫރަޕްގެ އެންމެ ބޮޑު ކްލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ، ޗެމްޕިއަންސް ލީގުގައި ފުރަތަމަ 100 ލަނޑު ހަމަކުރާ ކުޅުންތެރިޔާއަށް ވުމަށެވެ. އޭނާ ވަނީ އެ މުބާރާތުގައި މިހާތަނަށް ޖުމުލަ 97 ލަނޑު ޖަހައިފައެވެ.