13 Apr 2017, 16:59
ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އައްޑޫސިޓީގެ 39 މިސްކިތެއް ފޮޅާ ސާފުކުރުމަށް، އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު މެންދުރު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސް ވުމުގައި މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިިިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ. އަދި އެމްއާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލެވެ.
އައްޑޫ ސިޓީގެ މިސްކިތްތައް ސާފުކޮއް ބެލެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން އެމްއާރުޑީސީ އާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ އެއްބަސް ވުމުގެ ދަށުން އައްޑޫގެ 39 މިސްކިތެއް ފޮޅާ ސާފުކުރުމާއި އެހެނިހެން މަސައްކަތްތައް ކުރުމަށް ހަމަޖެހިފައި ވެއެވެ.
މިސްކިތްތައް ފޮޅާ ސާފުކުރުމުގެ އިތުރުން އެ ސިޓީގެ ހަ ގަބުރުސްތާނެއް ސާފުކޮށް ބެލެހެއްޓުމަށް ވެސް ވަނީ އެމްއާރުޑީސީއާ ހަވާލުކޮށްފައެވެ.
އައްޑޫ ސިޓީގެ މިސްކިތްތައް ސާފުކޮއް ބެލެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން އެމްއާރުޑީސީ އާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިިނިސްޓަރު ޒިޔާދު ވިދާޅުވީ، މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެކަމަށާއި އެސިޓީގެ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެެއް ލިބިގެން ދާނެކަމަށެވެ.
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ނިމާލް ވިދާޅުވީ، "ރައްޔިތުންނަށް ރައީސް ޔާމިން ވައުދުވެވަޑައިގެންފައިވާ ކަންތައްތައް މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ވަރަށް ފުރިހަމަ ގޮތެއްގައި އައްޑޫގެ ރައްޔިތުންނަށް ލިބޭނެ ކަމުގައި ދެކެން،" ކަމަށެވެ.