13 Apr 2017, 14:54
ސ. މަރަދޫ ހުދުހިރި އަހްމަދު މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލި ތިން މީހުންގެ މައްޗަށް ވެސް އެކަން ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
އެ މައްސަލާގައި ދައުވާ އުފުލާފައިވާ ތިން މީހުންނަކީ ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމެވެ.
ދައުލަތުން ބުނެފައި ވަނީ އެތިން މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ މަފާޒު މަރާލުމުގެ ކުރިން ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަމަށެވެ.
މައްސަލައިގެ ހުކުމް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން އެކަށީގެންވާ މިންވަރަށް ކާފީ ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެ ތިން މީހުންގެ މައްޗަށް ވެސް ސާބިތު ނުވާ ކަމަށް ދައުލަތުން ވަނީ ކަނޑައަޅައިފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 1:40 އެހާކަންހާއިރު ގ. މަސްއޮޑިގޭ ކައިރީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ގްރޫޕަކުން ހިންގި ހަމަނުޖެހުމުގައި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދީ ވަނީ މަރާލައިފަ އެވެ.