ލަންޑަން (އެޕްރީލް 13) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން އަދި އެމެރިކާގެ ފަސްޓް ލޭޑީ މެލެނިޔާ ޓްރަމްޕް ކުރެއްވި އަބުރު ދައުވާއަކާ ގުޅިގެން އިނގިރޭސިވިލާތުގެ ނޫހަކުން އެކަމަނާ އަށް 3.5 މިލިޔަން ޑޮލަރު ދޭން އެއްބަސްވެއްޖެ އެވެ.

ލަންޑަންގައި ނުކުންނަ މަޝްހޫރު "ޑެއިލީ މެއިލް" އިން މިކަމަށް އެއްބަސްވީ މެލެނިޔާ ޓްރަމްޕަކީ މޮޑެލްކުރާ އަންހެނެއްގެ އިތުރުން ފިރިހެނުންނަށް އެހެން ޚިދްމަތްތަކެއް ވެސް ދެއްވާ މޮޑެލް އެއްކަމަށް ބުނެ އެނޫހުގައި ޝާއިއުކުރި ޚަބަރަކާ ގުޅިގެން އެނޫހާ ދެކޮޅަށް އެކަމަނާ ކުރެއްވި އަބުރުގެ ދައުވާ ކާމިޔާބު ވުމުންނެވެ. މިމައްސަލަ ހުށަހެޅި ލަންޑަންގެ ކޯޓުގައި "ޑެއިލީ މެއިލް" އިން ވަނީ އެޚަބަރުގެ ސަބަބުން މިލޭނިޔާގެ އަބުރު ކަތިލެވުނު ކަމަށް އެއްބަސްވެ އެކަމަށް މައާފަށްއެދި އަދި ބަދަލެއްގެ ގޮތުގައި 3.5 މިލިޔަން ޑޮލަރު އެކަމަނާއަށް ދިނުމަށް ކޯޓުގައި އެއްބަސްވެފަ އެވެ.

މޮޑެލް އެއްގެ އިތުރުން މެލެނިޔާއަކީ ފިރިހެނުންނަށް އެހެން ޚިދްމަތްތަކެއް ވެސް ދިން ބޭފުޅެއްކަމަށް ބުނެ ޚަބަރެއް ޝާއިޢުކުރި އިރު މިކަން އެ ނޫހަށް ކޯޓުގައި ސާބިތުކޮށް ދެވިފައެއް ނުވެ އެވެ. މިމައްސަލަ ބެލުމަށް ފަހު ލަންޑަންގެ ކޯޓުން ނެރުނު ބަޔާނުގައި ވަނީ "ޑެއިލީ މެއިލް" އިން މެލެނިޔާ ޓްރަމްޕްގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާ ކަމަށާއި އެއީ ބަދަލެއްގެ ގޮތުގައި އެނޫހުން އެކަމަނާއަށް 3.5 މިލިޔަން ޑޮލަރު ދޭންޖެހޭވަރުގެ ބޮޑު މައްސަލައެއް ކަމުގަ އެވެ.

އެމައްސަލާގައި ބަދަލެއްގެ ގޮތުގައި މެލެނިޔާ އެދިފައިވަނީ 1.5 މިލިޔަން ޑޮލަރަށެވެ. ނަމަވެސް މައްސަލައިގެ ހައްސާސްކަމުން އަބުރު ކަތިލުމުގެ ބަދަލެއްގެ ގޮތުގައި އެވަރު ނުފުދޭކަމަށް ލަންޑަންގެ ކޯޓުން ބުނެފައިވެ އެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތްނަމަވެސް ސާބިތު ނުހިފޭ ވާހަކަ ޝާއިއުކޮށްގެން މީހުންގެ އަބުރު ކަތިލުމަށް ނޫސްތަކުން ކުރާ މަސައްކަތްތަކާ ދެކޮޅަށް ވަރަށް ހަރުކަށި ގާނޫނުތަކެއް ޔޫރަޕްގެ ގިނަ ގައުމުތަކުގައިވެ އެވެ.

މިގާނޫނުތަކުގައި މީހުންގެ އަބުރަށް އަރައިގަތުމާއި ސާބިތު ނުހިފޭ ވާހަކަތައް މީސްމީހުންނާ ބެހޭ ގޮތުން ޝާއިއު ކުރުމަކީ ނޫސްވެރިކަން ނޫންކަމަށް ވަރަށް ސަރީހަކޮށް ބުނެފައިވެ އެވެ. ނޫސްވެރިކަމަކީ ކުށަކަށްނުވާ ފަދައިން މީހުންގެ އަބުރަށް އަރައިގަތުމާއި އެކިބާވަތުގެ ކުށްތައް ކުރުމަކީ ވެސް ނޫސްވެރިކަން ނޫން ކަމަށް ބުނެފައިވެ އެވެ. (ދަ ގާޑިޔަން)