ވޮޝިންޓަން(އެޕްރީލް 13): އުތުރުކޮރެޔާއިން ނިއުކްލިޔަރ އިތުރު ބޮމެއް ތަޖްރިބާކުރަން ތައްޔާރުވަމުންދާކަން އެމެރިކާއިން ހާމަކޮށްފިއެވެ.

ނިއުކްލިޔަރ ދިރާސާތައްކުރާ އެމެރިކާގެ މަޝްހޫރު "ނޯތު 38" އިންސްޓިޓިއުޓުން ބުނީ ނިއުކްލިޔަރ ތަޖްރިބާތައް ކުރުމަށް އުތުރުކޮރެޔާ އާންމުކޮށް ބޭނުންކުރާ ސައިޓްގައި ގިނަ ހަރަކާތްތަކެއް އެގައުމުން ހިންގާތާ ދުވަސްތަކެއް ވެފައިވާކަމަށާއި ނިއުކްލިޔަރ ގޮއްވާލުމަކަށް ބޭނުންކުރާ ސާމާނުތައް އެތަނަށް ގެންސްގޮސްފައިވާކަން ސެޓަލައިޓް ފޮޓޯތަކުން ހާމަވާ ކަމުގައެވެ.

އުތުރުކޮރެޔާއިން ނިއުކްލިޔަރ ތަޖްރިބާކުރަނީ ފަރުބަދަމަތީ ސަރަހައްދެއްކަމަށްވާ ބޮންގިރީ ގެ ބިމުގެ އަޑިން އެތަށް ސަތޭކަ މީޓަރެއްގެ ފުނުގައެވެ. އުތުރުކޮރެޔާ އެންމެފަހުން ތަޖްރިބާކުރި ނިއުކްލިޔަރ ބޮމުގެ ސަބަބުން އެސަރަހައްދުގެ ފަރުބަދަތަކަށް ރެކްޓަރު މިންގަނޑުން 4.5ގެ ބާރުމިނުގެ ލޮޅުމެއްއަރާފައިވާކަން އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާބެހޭ މަރުކަޒުން ބުނެފައިވެއެވެ.

އުތުރުކޮރެޔާއިން މިހާތަނަށް ވަނީ ނިއުކްލިޔަރ 5 ބޮން ތަޖްރިބާކޮށްފައެވެ. މިފަހަރު ނިއުކްލިޔަރ ބޮމެއް ތަޖްރިބާކުރާކަން އެގައުމުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކެއް އުތުރުކޮރެޔާއާ ދިމާއަށް މިސްރާބުޖެހުމަށް އެމެރިކާގެ ރައީސް ޓްރަމްޕް މިހަފްތާގެ ކުރީކޮޅު އަމުރުކުރެއްވުމުން އުތުރުކޮރެޔާއިންވަނީ ނިއުކްލިޔަރ ހަނގުރާމައަކަށް ތައްޔާރުވެ އޮތުމުގެ އިންޒާރު އެމެރިކާއަށް ދީފައެވެ. މީގެއިތުރުން ޓްރަމްޕް ވަނީ ޗައިނާގެ އެއްބާރުލުން ނުލިބުނު ނަމަވެސް އެމެރިކާ އެކަނިވެސް އުތުރުކޮރެޔާ މައިތިރި ކުރާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އުތުރުކޮރެޔާއިން ހަވަނަ ނިއުކްލިޔަރ ތަޖްރިބާ ކުރަންމިއުޅެނީ އެގައުމުގެ ރައީސް ކިމް ޖޮންގް އުންގެ ކާފަ އަދި އުތުރުކޮރެޔާގެ ޖުމްހޫރިއްޔާގެ ބާނީ ކިމްއިލް ސަންގް ގެ އުފަންދުވަހާ ދިމާކޮށްކަމަށް ޚަބަރުތައް ބުނެއެވެ. ކިމްއިލް ސަންގް ގެ އުފަންދުވަހާ ދިމާކޮށް އުތުރުކޮރެޔާއިން ބާއްވާ އިހްތިފާލްތަކަށް ބޭރުގެ ގައުމުތަކުގެ މެހްމާނުންނަށްވެސް ވަނީ ދައުވަތު އަރުވާފައެވެ. މީގެތެރޭގައި ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި ޚާއްސަ މަންދޫބުން ހިމެނެނެއެވެ.

މިމުނާސަބަތާ ދިމާކޮށް ބޮޑު ކަމެއް އުތުރުކޮރެޔާއިން ހިންގާނެކަމަށް އެގައުމުގެ ރަސްމީ މީޑިޔާ ބުނެއެވެ. އުތުރުކޮރެޔާއަކީ އަމިއްލަ ރީސާޗުން ނިއުކްލިޔަރ ޓެކްނޮލޮޖީ ހާސިލްކޮށްފައިވާ ގައުމެކެވެ. އެގައުމުގައި މަދުވެގެން 50 ނިއުކްލިޔަރ ބޮން ހުންނާނެކަމަށް އެމެރިކާގެ "ނޯތް 38" އިންސްޓިޓިއުޓުން އަންދާޒާ ކުރެއެވެ. (ނޫސްއެޖެންސީތައް)