މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދު ކުރަން ދައުލަތުން އެދުމުން، އެގޮތަށް އަމުރު ކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން މިއަދު ބޭއްވި ޝަރީއަތަށް ފަހު ކޯޓުން ނުކުމެވަޑައިގެން ގާސިމް ވަނީ ފަނޑިޔާރުންނަށާއި ފުލުހުންނަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

ގާސިމް ވިދާޅުވީ މިއަދު ފެނިގެން ދިޔައީ އެބޭފުޅުން ކުރަމުންދާ މަސައްކަތް ކާމިޔާބު ވަމުންދާ މަންޒަރުކަމަށެވެ. އަދި އެކަމަށް ޓަކައި އުފާ ކުރައްވާ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ގާސިމް ވަނީ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ.

މައްސަލާގައި ޖަވާބު ދާރީވުމަށް ކޯޓުން ވަނީ ގާސިމަށް ހަތް ދުވަހުގެ މުއްދަތެއްދީފަ އެވެ. އެހެންކަމުން ދެން މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުންނެވެ. އެކުށް ގާސިމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަދަކީ އަށް އަހަރަށް ޖަލަށް ލުމެވެ.

އޭގެ އިތުރުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން އަދި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އުފުލާފައި ވަނީ 540 ވަނަ މާއްދާގެ ދަށުންނެވެ.

މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.

ދެއްކި ވާހަކައަަކާ ގުޅިގެން ގާސިމްގެ ސީނިއާ ވަކީލާ ހިސާން ހުސައިންއަށް ކްރިމިނަލް ކޯޓުގައި ވަކާލާތު ނުކުރެވޭނެ ކަމަށް އެ ކޯޓުން ވަނީ މިއަދު ހެނދުނު އަންގައިފަ އެވެ. ނަމަވެސް ފަހުން ވަކާލާތު ކުރުމުގެ ފުރުސަތު ދެއްވީ މާފަށް އެދުމުން ކަމަށް ހިސާން ވިދާޅުވި އެވެ.

"އަޅުގަނޑު ބުނިން އެވާހަކަ އަޅުގަނޑު ދެއްކީ އެއްގޮތަކަށް ވެސް ކޯޓުތަކާ މެދު މީހުންގެ މެދުގައި ނޭދެވޭ ތަސައްވުރެއް އުފެއްދުމަކަށް ނޫނޭ. ކޯޓުތަކަށާއި ފަނޑިޔާރުންނަށް އަޅުގަނޑު އިހުތިރާމް ކުރަމޭ." ހިސާން ވިދާޅުވި އެވެ.