13 Apr 2017, 13:08
އދ. (އޭޕްރިލް 13): ސީރިއާއަށް މިދިޔަ ހަފްތާގައި ދިން ކެމިކަލް ހަމަލާ ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގު ކުރަން އެއްބާރުލުން ދިނުމަށް ސީރިއާ ސަރުކާރަށް ގޮވާލާ އދ.ގެ ގަރާރެއް ރަޝިއާ އިން ވީޓޯކޮށްފި އެވެ.
އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސުން އދ.ގެ ސަލާމަތީ މަޖިލިހަށް ހުށަހެޅި އެގަރާރުގައި ވަނީ ސީރިއާއަށް ދިން ހަމަލާ ތަހުގީގު ކުރަން، އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް އަށް އެއްބާރުލުން ދިނުމަށް ސީރިއާ ސަރުކާރަށް ގޮވާލާފަ އެވެ.
އެގޮތުން ސީރިއާ އަށް ކެމިކަލް ހަމަލާ ދިން ދުވަހުގެ ފްލައިޓް ލޮގު ފަދަ އަސްކަރީ މައުލޫމާތު ދިނުމަށާއި އެގައުމުގެ ވައިގެ މަރުކަޒުތަކަށް ވަނުމުގެ ހުއްދަ ދިނުމަށް ގަރާރުގައި އެދިފައިވެ އެވެ.
މިމަހުގެ ހަތަރު ވަނަ ދުވަހު ޚާން ޝައިޚޫނަށް ދިން ކެމިކަލް ހަމަލާގައި 80 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
ހުޅަނގުގެ ސަރުކާރުތަކުން ބުނާ ގޮތުގައި އެހަމަލާގެ ފަހަތުގައި ވަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދެވެ. އަދި އެހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް، ސީރިއާ ސަރުކާރުގެ ވައިގެ މަރުކަޒަކަށް ވަނީ މިސައިލް ހަމަލާއެއް ދީފަ އެވެ.
ނަމަވެސް ސީރިއާ އާއި ރަޝިއާ އިން ވަނީ އެހަމަލާގެ ފަހަތުގައި ވަނީ ސީރިއާ ސަރުކާރު ނޫން ކަމަށް ބުނެފަ އެވެ.
ރަޝިއާ އިން ވަނީ މީގެ ކުރިން އދ.ގެ ސަލާމަތީ ކައުންސިލަށް ހުށަހެޅި ސީރިއާއާ ބެހޭ އަށް ގަރާރެއް ވީޓޯކޮށްފަ އެވެ. (ބީބީސީ)