ގާނޫނު ތަންފީޒު ކުރަމުންދާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލި ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.

އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ 27 މާޗު ވަނަ ދުވަހުގެ ރޭ ޖިނާއީ މައްސަލައަކާ ގުޅިގެން، ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން ފޯނުގެ ލޮކް ކޯޑު ޖަހައިދިނުމަށް އެދުމުން އެކަން ކޮށްދީފައި ނުވާތީ، އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސްއެޅުން ކަމަށެވެ.

މިއަދު 10 ޖެހިއިރު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ރިޔާޒު ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުލަތުން އެދުނު ނަމަވެސް އެ އަމުރު ދެވެން ނެތް ކަމަށް ފަނޑިޔާރު ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.

ދައުވާއަށް އިންކާރު ކުރައްވަމުން ރިޔާޒު ވިދާޅުވީ، ދައުވާ ސާފުވެއްޖެ ކަމަށާއި، އެ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

ދައުލަތުން ރިޔާޒު ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް އަމުރު ނެރެދިނުމަށް އެދިފައި ވަނީ، ތަހުގީގު ކުރަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވާފާނެތީ ކަމަށް ބުނެ އެވެ. ނަމަވެސް މިހާތަނަށް އެފަދަ ނުފޫޒެއް ފޯރުވާފައި ނެތް ކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ރިޔާޒަކީ މީގެ ކުރިން ތަހުގީގީ އިދާރާއެއްގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެއް ކަމަށާއި، މުޖުތަމައުގައި، ނުފޫޒު ފޯރުވާފާނެ މިންވަރަކަށް ބަލާފައި، ބަންދުގައި ބަހައްޓައި ދިނުމަށް ދައުލަތުން ވަނީ އެދިލައްވާފަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން ރިޔާޒުގެ ފޯނު ހިފަހައްޓާފައިވާ އިރު، މިއަދާ ހަމައަށް ވެސް ތަހުގީގަށް އެއްވެސް އެއްބާރު ލުމެއް ރިޔާޒު ދީފައި ނުވާ ކަމަށެވެ. އެހެންކަމުން ރިޔާޒުގެ ފޯނުބަލާ ފާސްކުރަން ޖެހުނު މައްސަލަ އަދިވެސް އޮތީ ތަހުގީގު މަރުހަލާގައި ކަމަށެވެ.

އަދި ރިޔާޒް ބަންދުގައި ބެހެއްޓުމަށް އެދިފައި ވަނީ ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލްގައި އެދިފައިވާތީ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ރިޔާޒުގެ ފަރާތުން ވާހަކަ ދައްކަވަމުން އޭނާގެ ވަކީލު ވިދާޅުވީ، ރިޔާޒް ބަންދުކުރަން އަމުރަށް އެދުމުގެ އެއްވެސް ހައިސިއްޔަތެއް ލިބިގެން ނުވާ ކަމަށާއި، މިވީހާ ތަނަށްވެސް ތަހުގީގަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަން ދައުލަތުން ވެސް ބުނެފައިވާ ކަމަށެވެ.

ރިޔާޒްގެ ވަކީލު ވިދާޅުވީ، މައްސަލައިގެ ލިޔެކިޔުންތައް އަދި ލިބިފައިނުވާ ކަމަށެވެ. އަދި ލިޔެކިޔުންތައް ދިރާސާ ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ގާޒީގެ ކިބައިން އެދިވަޑައިގެންފަ އެވެ. ގާޒީ ވަނީ ލިޔެކިތުންތައް ދިރާސާ ކުރުމަށް ހަތް ދުވަހުގެ ފުރުސަތެއް ދީފަ އެވެ.

ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.

މިއަދުގެ ޝަރީއަތުގެ އަޑު އެހުން ނިންމާލަމުން މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ، ދެން އެ މައްސަލައިގެ ޝަރީއަތެއް އޮންނާނީ، މިމަހުގެ 23 ވަނަ ދުވަހުގެ 15:00 ގައި ކަމަށެވެ.