13 Apr 2017, 11:56
ވޮޝިންޓަން (އޭޕްރިލް 13): އެމެރިކާގެ ފުރަތަމަ މުސްލިމް، އަންހެން ފަނޑިޔާރު ޝީލާ އަބްދުއްސަލާމް މަރުވެފައި އޮއްވައި ނިއު ޔޯކުގެ ކޯރަކުން އިއްޔެ ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އުމުރުން 65 އަހަރުގެ ޝީލާގެ ހަށިގަނޑު ފެނުނީ މަންހަޓަންގެ ހަޑްސަން ކޯރުން އާއްމުންގެ ބަޔަކަށެވެ. އަދި އެއީ ޝީލާގެ ހަށިގަނޑުކަން އޭނާގެ ފިރިމީހާ ވަނީ ޔަގީންކޮށްދީފަ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޝީލާގެ ހަށިގަނޑު ފެނިފައި ވަނީ އިއްޔެ ހެނދުނު އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނިކޮށެވެ. ޝީލާ މަރުވި ސަބަބު އަދި ޔަގީންވެފައި ނުވާ އިރު، އޭނާގެ މަރު ދަނީ ތަހުގީގު ކުރަމުންނެވެ.
އެހާދިސާއާ ގުޅުން ހުރި ފަރާތްތަކާ ހަވާލާދީ ނިއު ޔޯކް ޕޯސްޓުގައިވާ ގޮތުން ޝީލާއަށް އަނިޔާކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ހަށިގަނޑުން ފެންނާކަށް ނެތެވެ.
ެއެމެރިކާގެ ފުރަތަމަ މުސްލިމް، އަންހެން ފަނޑިޔާރަކަށް ވުމުގެ އިތުރުން ޝީލާ އަކީ ނިއު ޔޯކުގެ އިސްތިއުނާފު ކޯޓަށް އައްޔަން ކުރި ފުރަތަމަ ކަޅު ނަސްލުގެ އަންހެން މީހާވެސްމެ އެވެ. (ނިއުޔޯކްޕޯސްޓް)