ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލީސް ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުން ގާސިމްގެ ޝަރީއަތުގެ މަޖިލިސް ސިއްރު ކުރީ ކޯޓުގެ އަމިއްލަ ނިންމުމަަކަށެވެ. މީގެ ކުރިން ވެސް ބައެއް ޝަރީއަތުގެ އަޑުއެހުންތައް ކޯޓުން ސިއްރުކޮށްގެން ބާވާފައިވެ އެވެ.

ޝަރީއަތުގެ މަޖިލިސް ސިއްރުކޮށްގެން ގެންދިއުމުގެ ބާރު އެ މައްސަލަ ބައްލަވާ ފަނޑިޔާރަށް ގާނޫނުން ވަނީ ދީފަ އެވެ. ނަމަވެސް ގިނަ ފަހަރު ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ހާމަ ނުވާ ނަމަ ޝަރީއަތްތައް ގެންދަނީ ހުޅުވާލައިގެންނެވެ.

ގާސިމްގެ ޝަރީއަތް ސިއްރުކުރަން ކޯޓުން މި ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެެވެ.

ގާސިމްގެ މައްޗަށް އުފުލާފައި ޝަރީއަތުގެ މިއަދުގެ ޝަރީއަތުގެ މަޖިލީސް ސިއްރުކޮށްފައިވާ އިރު، ގާސިމްގެ ދެ ވަކީލަކަށް ވެސް ވަނީ ކޯޓަށް ވަނުން މަނާކޮށްފަ އެވެ. ގާނޫނީ ވަކީލު ހިސާން ހުސައިން އަދި އަބްދުﷲ ޝަފީގަށް ކްރިމިނަލް ކޯޓަށް ވަނުން މަނާކުރީ، ކޯޓުން ބުނި ގޮތުގައި، އެ ދެ ބޭފުޅުން ކޯޓުގެ ތަސައްވަރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކަވާފައިވާތީ އެވެ.

ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުންނެވެ. އެކުށް ގާސިމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަދަކީ އަށް އަހަރަށް ޖަލަށް ލުމެވެ.

އޭގެ އިތުރުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން އަދި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އުފުލާފައި ވަނީ 540 ވަނަ މާއްދާގެ ދަށުންނެވެ.

މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.