ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލު ހިސާން ހުސައިން އަދި އަބްދުﷲ ޝަފީގަށް އެމަނިކުފާނުގެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވަކާލާތު ނުކުރެވޭނެ ކަމަށް އެ ކޯޓުން އަންގައިފި އެވެ.

ހިސާން އަކީ އަބްދުﷲ ރިޔާޒުގެ ވެސް ގާނޫނީ ވަކީލެވެ. ހިސާން ވިދާޅުވީ ގާސިމް އަދި ރިޔާޒުގެ ޝަރީއަތުގެ މަޖިލީހަށް ވެސް ވަކާލާތުކުރަން ނުވަދެވޭނެ ކަމަށް ކޯޓުން މިއަދު އަންގާފައިވާ ކަމަށެވެ. ހިސާންގެ އިތުރުން ދެން ކޯޓަށް ނުވަދެވޭނެ ކަމަށް އަންގާފައި ވަނީ ގާނޫނީ ވަކީލު އަބްދުﷲ ޝަފީގު އަށެވެ.

ސަބަބެއް ކަމަށް ކޯޓުން ވިދާޅުވީ ކޯޓާ މެދު މީހުންގެ މެދުގައި ނުބަައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަފުޅު ދައްކަވާތީ ކަމަށް ހިސާން ވިދާޅުވި އެވެ.

"އެބޭފުޅުން ވިދާޅުވަނީ އަޅުގަނޑު ރޭ ދިން ޕްރެސް ކޮންފަރެންސްއެއްގައި ބުންޏޭ ކޯޓުން ވާނުވާ ކިޔާ އަމުރެއް ނެރޭ ކަމަށް. އެކަމާ ގުޅިގެން އަޅުގަނޑު ދެއްކި ވާހަކަތަކުގެ ސަބަބުން ކޯޓާ މެދު މީހުންގެ މެދުގައި ނުބަައި ތަސައްވަރެއް އުފެދެޔޭ،" ހިސާން ވިދާޅުވި އެވެ.

އިއްޔެ ބޭވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވިދާޅުވެފައި ވަނީ ގާސިމްގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބެލެވޭ ގާސިމް އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާނެ ކަމަށް. އެ ޝަރީއަތް ނިމޭނެ ދުވަހެއް މާތްﷲ ދެނެވޮޑިގެންވާނީ. އެހެންވެ އަޅުގަނޑުމެން އެއަށްކިޔަނީ ވާނުވާއޭ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ އެގޮތަށް އެ ޖަހާ ބަނދުގެ ވާނުވާއެއް "ހަގީގަތުގައި ވެސް ނޭނގޭ" ކަމަށެވެ.

ގާސިމް އިބްރާހިމްގެ މައްސަލައިގެ ތަހުގީގުގައި ވެސް ހަރަކާތްތެރިވީ ހިސާން ހުސައިން އެވެ. ހިސާން އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ގާނޫނީ ވަކީލެވެ.

ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ މައްސަލަ މިއަދު 11:30 ތާވަލުކޮށްފައިވާ އިރު މިހާރު ގާސިމްގެ އަޑުއެހުމަށް ވަކާލާތު ކުރުމަށް ވަދެވެނީ އެންމެ ވަކީލަކަށެވެ. އެއީ ވަކީލު އަހުމަދު މަސްތޫރެވެ.