ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަނީ ކޮންމެ އަހަރަކު ވެސް އޮލިމްޕަސް ފަޅު ފިލުވަމުންނެވެ. މިފަހަކަށް އައިސް ޑާކްރެއިން އިން ކޮންމެ އަހަރަކު ވެސް ބެލުންތެރީންނަށް ފިލްމެއް ގެނެސްދެއެވެ. އެގޮތުން މިހާރު ވެސް އޮލިމްޕަހުގައި ފޯރީގައި ދައްކަނީ ޑާކްރެއިންގެ ނުވަ ވަނަ ފިލްމު، "މީ ލޯތްބަކީ" އެވެ. ހެއްވާ މަޖާ ލޯބީގެ އެ ފިލްމުގެ ޖާދޫގައި ވެސް ބެލުންތެރީން ޖެހިއްޖެ އެވެ.

މިފަހަރުގެ ފިލްމު "މީ ލޯތްބަކީ" އަށް ފަހު ޑާކްރެއިންގެ މިސްރާބު ޖަހާފައި ވަނީ މުޅިން ތަފާތު ދިމާލަކަށެވެ. ޑާކްރެއިން އިން ތައްޔާރުވަމުން ދަނީ "ގޮށްރާޅު" ކިޔާ ތުރިލާ ފިލްމެއް ހަދާށެވެ.

އެ ފިލްމު ވެސް ޕްރޮޑިއުސްކުރާނީ "މީ ލޯތްބަކީ"ގެ ވެސް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އެވެ.

ޑާކްރެއިން އިން މީގެ ކުރިން ގެނެސްދީފައިވާ ފިލްމެއްގެ ޝޫޓިންގެ ތެރެއިން---

"ގޮށްރާޅު" އަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މޫމިން ފުއާދުގެ ސްކްރީންޕްލޭ އަކަށް ހަދާ ފިލްމެކެވެ. މޫމިނަކީ ކާމިޔާބު ފިލްމްތައް ކަމަށްވާ " ލޫދިފާ " އާއި "ހެޕީ ބާތުޑޭ" ފަދަ ފިލްމުތައް ވެސް ލިޔެ ޑައިރެކްޓް ކޮށްފައިވާ ހުނަރުވެރިއެކެވެ.

އެ ފިލްމު ޑައިރެކްޓް ކުރާނީ އަހްމަދު ޝިނާން އެވެ. "ގޮށްރާޅު" ވާނީ ޝިނާން ޑައިރެކްޓް ކުރާ ދެވަނަ ފިލްމަށެވެ. އޭނާ ވަނީ މިދިޔަ އަހަރު ފާތިމަތު ނަހުލާ ހެދި ބިރުވެރި ފިލްމު "4426"ގެ ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރި ވެފައެވެ.

އެ ފިލްމުގެ ބައެއް ތަރިން ކަނޑައަޅުމުން ދިޔަ ނަމަވެސް އަދި އެއީ ކޮން ތަރިންނެއް ކަމެއް އާންމެއް ނުކުރެއެވެ. ޑާކްރެއިން އިން އެ މައުލޫމާތު އަދި ފަހުން އިއުލާން ކުރާނެއެވެ. ބެލުންތެރިންނާ ހަމައަށް "ގޮށްރާޅު" އަންނާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.

ޑާކްރެއިިން އަކީ ތަފާތު ފިލްމުތައް އުފައްދަމުން އަންނަ ބައެކެވެ. ހެއްވާ މަޖާ، ލޯބީގެ ފިލްމު ތަކުގެ އިތުރުން ތްރިލާ ފިލްމުވެސް ވަނީ މީގެ ކުރިން ބެލުންތެރިންނަށް ގެނެސްދީފައެވެ. އެހެންވުމުން ކުރިޔަށް އޮތް ފިލްމަށް ވެސް އިންތިޒާރުކޮށްލާށެވެ.