13 Apr 2017, 09:05
މިދިޔަ ހަފްތާގައި ނިމިގެން ދިޔަ އިންޑިއާގެ 64 ވަނަ ގައުމީ ފިލްމު އެވޯޑުގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ނުލިބުމުން އެކަމާ ދެރަ ނުވާ ކަމަށް، ޒުވާން ހުނަރުވެރި ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.
މިދިޔަ އަހަރަކީ އާލިއާގެ ކާމިޔާބު ތިން ފިލްމެއް ރިލީޒްވެގެން ދިޔަ އަހަރެކެވެ. އެއީ 'ކަޕޫރް އެންޑް ސަންސް'، 'އުޅްތާ ޕަންޖާބް' އަދި 'ޑިއާ ޒިންދަގީ' އެވެ. ތިން ފިލްމުގައި ވެސް އާލިއާ ވަނީ ވަރަށް މޮޅު އެކްޓިން އެއް ދައްކައިފައެވެ.
ޚާއްސަކޮށް ފިލްމު 'އުޅްތާ ޕަންޖާބް' ގައި އޭނާ އަދާކޮށްފައިވާ ބިހާރީ އަންހެން ކުއްޖާގެ ރޯލަށް ބެލުންތެރިންނާއި ކްރިޓިކްސް އިން ތައުރީފު ކުރި އެވެ. އަދި އެއީ އޭނާ އަށް ގައުމީ އެވޯޑު ލިބުން ހައްގު ރޯލެއް ކަމަށް ވެސް ވަރަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އެ ރޯލުން އާލިއާ ވަނީ، އޭނާ އަށް ވުރެ ތަޖުރިބާ ހުރި އެކްޓަރުން ކަމުގައިވާ އަނުޝްކާ ޝަރްމާ އަދި ސޯނަމް ކަޕޫރު ފަދަ ފަންނާނުންނާއި ވާދަކޮށް، ފިލްމުފެއާ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ހޯދައިފައެވެ.
އަންގާރަ ދުވަހު ކުރިއަށް ދިޔަ އެވޯޑު ހަފްލާ އަކަށް ފަހު ނޫސްވެރިން ވެސް ވަނީ އާލިއާ އާއެކު ވަގުތު ހޭދަކޮށް، އޭނާ އަށް ގައުމީ އެވޯޑު ލިބުން ހައްގު ކަމަށް ބުނެފައެވެ.
ޖަވާބުގައި އާލިއާ ބުނީ އެކަމާ ދޭތެރޭ ނުވިސްނާ ކަމަށާއި އަދި ދެރަ ވެސް ނުވާ ކަމަށެވެ.
"އަހަރެން އެއްވެސް ތަނަކަށް ނުދަން. އަދި ވަރަށް ވަގުތު އެބަ އޮތް. އަހަރެން ދެރައެއް ނުވެ އެވޯޑު ނުލިބިގެން،" އާލިއާ ބުންޏެވެ.
ގައުމީ ފިލްމު އެވޯޑުގައި، މޮޅު އެކްޓްރެސްގެ އެވޯޑު ގެންދިޔައީ މަލަޔާލަމް އެކްޓަރު ސުރާބީ ލަކްޝްމީ އެވެ.
އާލިއާ ވަނީ މިފަހަރުގެ ގައުމީ އެވޯޑުގައި މަރާޓީ ފިލްމުތަކަށް ގިނަ އެވޯޑުތަކެއް ލިބުމުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރިކަމަށް ބުނެފައެވެ.
އާލިއާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މި އަހަރު ރިލީޒް ކުރި ފިލްމު 'ބަދްރީނާތު ކީ ދުލްހަނިއާ' އިންނެވެ. އާލިއާ ދެން އެންމެ އަވަހަށް މަސައްކަތް ފަށަނީ ރަންބީރު ކަޕޫރު އާއެކު، އަޔާން މުކަރްޖީގެ ފިލްމު 'ޑްރެގަން' ގަ އެވެ.