ކްރިމިނަލް ކޯޓް އަމުރެއްގެ ދަށުން ހަ ދުވަހުގެ މުއްދަތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރި ނަމަވެސް އެ އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ހައި ކޯޓުން ކަނޑައެޅުމުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސަތްކަތަށް ކޮޮންމެ ވެސް ވަރެއްގެ އުންމީދެއް ލިބި ކާމިޔާބު ވާނެ ކަމުގެ އިޝާރާތެއް ލިބެއްޖެ ކަމަށް ގާސިމްގެ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ މައި އިދާރާ ހިންގާ މ. ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމާއި ކޯޓްތައް އޮތް ހާލަތު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އިނގޭނެ ކަަމަށާއި ނަމަވެސް އެ ހުރިހާ ދުވަހު ވެސް މަސަތްކަތް ކުރަމުން ގެންދަނީ އުންމީދެއް އޮވެގެން ކަމަށެވެ.

"އަޅުގަނޑުމެން މި މަސަތްކަތް ކުރަމުން މި ދަނީ އުންމީދެއްގައި ތިބެގެން. އިންސާފު ލިބިދާނެ ކަމުގެ އުންމީދުގައި. މިއަދު އަޅުގަނޑުމެންގެ އެ އުންމީދަށް ކުޑަ ކުޑަ ނަމަވެެސް ހުޅުކޮޅެއް ރޯވެގެން ދިޔަ. ފަހަރެއްގައި ވެދާނެ އެއީ ޑްރާމާއެއް ކަމަށް ވެސް. ފަހަރެއްގަ ވެދާނެ އެއީ ރޭވުންތެރި ކަމުން ހިންގި އަމަލެއް ކަމަށް ވެސް،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ހައްޔަރުކުރީ މެންބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގަ އާއި ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ވައްޓާލުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.

ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި އިދިކޮޅު ބައެއް ލީޑަރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ގާސިމް ދޫކޮށްލަން ހައިކޯޓުން ކޮށްފައިިވާ އަމުރުގައި ބުނެފައި ވަނީ ގާސިމް ހައްޔަރުކޮށްފައި ވަނީ ކުށެއް ކުރަނިކޮށް ނުވަތަ ކުށުގެ ވެށިން ނޫން ކަމަށާއި އެ މަނިކުފާނު ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒު ގާނޫނާ ހިލާފަށް ކަމަށެވެ.

ހިސާން ވިދާޅުވީ ގާސިމް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ހައި ކޯޓުން ނިންމެވީ ގާސިމްގެ ހައްޔަރާ އެކު ތަރުތީބުވެގެންދިޔަ ހުރިހާ ކަންތައްތަކަކީ ވެސް ބާތިލް ކަންތައްތަކެއް ކަމަށް ކަމަށެވެ.

"އޭގެން ނުކުންނަ ނަތީޖާއަކީ މާދަމާ [ބުރާސްފަތި ދުވަހު] ކްރިމިނަލް ކޯޓުގައި ތާވަލު ކުރައްވާފައިިވާ ގާސިމްގެ މައްޗަށް ތުހުމަތުކޮށް އޮތް ތިން ޝަރީއަތަކީ ވެސް ހަގީގަތުގައި ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ހިންގަން އުޅުއްވާ ޝަރީއަތްތަކެކޭ. އެއީ ހައްގު ދައުވާއެއް ނޫން. މިހާރު އެ ދައުވާއެއް ޕީޖީގެ ފަރާތުން އެ ވިދާޅުވާ ގޮތަކަށް ގާނޫނީ އިމުގެ ތެރެއިންނެއް ނުހިންގޭނެ،" ހިސާން ވިދާޅުވިއެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝަވަތު ދޭން އުޅުނު ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

ރިޝަވަތު ދޭން އުޅުނު ކަމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުންނެވެ. އެ ކުށް ގާސިމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަދަކީ އަށް އަހަރަށް ޖަލަށް ލުމެވެ. އޭގެ އިތުރުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން އަދި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އުފުލާފައި ވަނީ 540 ވަނަ މާއްދާގެ ދަށުންނެވެ.

މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.

އެ ދައުވާތަށް ގާސިމްގެ މައްޗަށް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ތަމްސީލު ކުރައްވާ މާމިގިލީ ދާއިރާގެ ގޮނޑި ގެއްލި، ބައި އިލެކްޝަނެއް ބާއްވަން މަޖުބޫރުވާނެ އެވެ.